މިއަހަރު ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އަދި މަޝްހޫރު ފިލްމީ ތަރި މަރްޔަމް އައްޒަ ޕްރޮޑިއުސަރެއްގެ ގޮތުގައި ނުކުންނަ ފުރަތަމަ ފިލްމު "ދެވި" ރޭ ވަނީ އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކޮށްފައެވެ. މި ކުލަގަދަ ހަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއެވެ. އިވެންޓުގެ ތެރެއިން ފިލްމުގެ ކާސްޓުންނާއި ލަވަކިޔުންތެރިންގެ ހާއްސަ ހުށެހެޅުންތަކެއް ބެލުންތެރިންނަށް ވަނީ ހުށަހަޅައިދީފައެވެ.
ހުސެން ހާޒިމް (ސޭންޑީ) ޑައިރެކްޓްކޮށް، ސޭންޑީ އާއި ޝަހުދާ ގުޅިގެން ސްކްރީންޕްލޭ ލިޔެފައިވާ މި ފިލްމަކީ އައްޒަގެ އާއިލާއަށް ދިމާވާ ރޫޙާނީ ނުރައްކާތެރި ކަންތައްތަކަކުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ ފިލްމެކެވެ. އައްޒަ ޑަބަލް ރޯލަކުން ފެންނަ މި ފިލްމުގެ އެކްޝަން މަންޒަރުތައް ފުރިހަމަކުރުމުގައި އެމްއެންޑީއެފްގެ އެސްއޯޖީ ޓީމުން ބައިވެރިވެފައިވާއިރު، މިއީ ބެލުންތެރިންނަށް މުޅިން އާ އަދި ޝައުގުވެރި ތަޖުރިބާއަކަށް ވެގެންދާނެއެވެ.
ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން އަދި ވީއެފްއެކްސް މަސައްކަތްތަކަކީ ދިވެހި ސިނަމާގައި މިހާތަނަށް ކުރެވުނު ފެންވަރު ރަނގަޅު، ޓެކްނިކަލީ އެންމެ ބޮޑު އެއް މަސައްކަތް ކަމަށް ފަންނީ ފަރާތްތަކުން ފާހަގަކުރެއެވެ. އެގޮތުން ރާއްޖޭގެ ކުޅަދާނަ ފަންނުވެރިން ކަމަށްވާ އަބްދުﷲ މުއާޒް، ވިޝާލް ޒަކީގެ އިތުރުން ވީލްގެ ބުރަ މަސައްކަތް މި ފިލްމުން ފެނިގެންދެއެވެ.
މާލޭގައި ޓިކެޓް ވިއްކުމަށް ހުޅުވާލި ގިނަ ޝޯތަކެއް މިހާރު ފުލްވެފައިވާއިރު، އޮކްޓޯބަރު 1 އިން ފެށިގެން ރަށްރަށުގައި އެޅުވުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. އެގޮތުން ފުރަތަމަ ހަފްތާ ބަންދުގައި އެކަނިވެސް ރަށްރަށުގައި ދެއްކުމަށް ހަމަޖެހިފައިވާ 30 އަށް ވުރެ ގިނަ ޝޯގެ ޓިކެޓް އެކި ރަށްރަށުން ދަނީ ހިނގަމުންނެވެ.







