މަޝްހޫރު ފިލްމު ޑައިރެކްޓަރު އަހުމަދު ނިމާލް ނިޔާވެއްޖެއެވެ.
ނިމާލު ނިޔާވީ ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާ ސްޓްރޯކެއް ޖެހިގެން އެޑްމިޓް ކުރީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31ވަނަ ދުވަހުއެވެ.
އުމުރުން 62އ. ގެ ނިމާލްއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔައީ އައިސީޔޫގައި ވެންޓިލޭޓަރެއްގެ އެހީގައިކަމަށް މައުލޫމާތު ލިބެއެވެ.
އަދި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް އާއިލާއިން މަސައްކަތްކުރި ނަމަވެސް ފްލައިޓުގައި ގެންދެވޭވަރަށްވުރެ އޭނާގެ ހާލު ސީރިއަސްކަމުން ރާއްޖެއިން ބޭރަށް ގެންދެވޭގޮތް ވަނީ ނުވެފައެވެ.
އެކްޓަރެއްގެ ގޮތުގައި ނިމާލު ފިލްމީ ދާއިރާއަށް ނިކުމެފައިވަނީ 1984 ވަނަ އަހަރު އެވެ. އަދި އެއަށް ފަހު 1993 ވަނަ އަހަރުގެ ތެރޭގައި ނިމާލް ލިޔެ ޑައިރެކްޓުކޮށްފައިވާ ފުރަތަމަ ފިލްމު "ސިޓީ" ވަނީ ނެރެފައެވެ.
ނިމާލްގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ޔޫސުފް" އަދި "ނިއުމާ" ފަދަ ފިލްމްތައް ހިމެނޭއިރު, އޭނާ އެންމެ ފަހުން ފެނިފައިވަނީ ދިވެހި ފިލްމު "ލިލީ"ގައެވެ.










