ކްރިއޭޓިވް ނެޓްވޯކުން އުފައްދާފައިވާ ދިވެހި ކްރައިމް ތްރިލަރ ސީރީޒް "ޖުންޖުލާ" އަންނަ އޮކްޓޯބަރު 3 ވާ ހޮނިހިރު ދުވަހު މީޑިއާނެޓްގެ ސްޓްރީމިންގ ޕްލެޓްފޯމް 'ވީޑިއޯކްލަބް' އިން ޕްރިމިއަރ ކުރަން ހަމަޖައްސައިފިއެވެ.
އަޒްހާން އިބްރާހީމް ޑައިރެކްޓްކޮށްފައިވާ 10 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސީރީޒްގައި ފެނިގެންދާނީ، އިންސްޕެކްޓަރ ޒާރާ (ވާޝިއާ) އާއި އޭނާގެ ޕާޓްނަރު ޒުހައިރު ކޮންމެ ހަފްތާއަކުވެސް އައު މައްސަލައެއް ތަހުގީގުކުރާ މަންޒަރެވެ. މި ތަހުގީގުތަކުގެ ތެރެއިން ޒާރާގެ އަމިއްލަ މާޒީގެ ސިއްރުތައްވެސް މަޑުމަޑުން ހާމަވަމުންދާނެއެވެ.
މި ސީރީޒް ނެރޭ ދުވަހު ފުރަތަމަ ދެ އެޕިސޯޑު ކަމަށްވާ "ފަހު ފިލާވަޅު" އަދި "މުކައްޒިބީން" ގެނެސްދޭނެއެވެ. އަދި އޭގެ ފަހުން ކޮންމެ ހަފްތާއަކުވެސް އާ އެޕިސޯޑެއް މީޑިއާނެޓްގެ 'އެމް.އެސް ލައިޓް' އަދި 'އެމް.އެސް ޑިޖިޓަލް' އެޕް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
މިދިޔަ އަހަރު ކާމިޔާބު ފިލްމު "ލީލީ" ގެނެސްދިން ޓީމުގެ މި އުފެއްދުމަކީ، ދިވެހިންގެ އާއިލީ އަދި އިޖުތިމާއީ މާހައުލާ ގުޅޭ، ބޭރުގެ ކޮޕީއަކަށް ނުވާފަދަ ހާއްސަ ތްރިލަރއެއް ކަމަށް އުފެއްދުންތެރިން ފާހަގަކުރެއެވެ. ސްޓްރީމިންގ ހިދުމަތުގެ ސަބަބުން ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށްވެސް އެއް ދުވަހެއްގައި މި ސީރީޒް ބަލައިލެވޭނެއެވެ.









