ދުނިޔޭގެ މަޝްހޫރު ސުޕަމޮޑެލް ކެންޑަލް ޖެނާ އަކީ އޭނާގެ ބުރަ މަސައްކަތުގެ ތާވަލު ތަރުތީބުކުރުމަށްޓަކައި އަބަދުވެސް ހެނދުނު ހޭލަން ބޭނުންވާ މީހެކެވެ. ދާދިފަހުން އެމާ ޗެމްބަލެއިންގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން ކެންޑަލް ވަނީ އޭނާ ހެނދުނު ހޭލުމަށް ލޯބިކުރާ ސަބަބުތަކާއި، ރޭގަނޑު ނުނިދާ ހުރުމުން އޭނާއަށް ކުރިމަތިވާ އުނދަގޫތައް ހިއްސާކޮށްފަ އެވެ.

ކެންޑަލް ބުނި ގޮތުގައި، ހެނދުނު ހޭލުމަކީ އޭނާގެ ދުވަހުގެ މަސައްކަތްތައް ކަމަށްވާ ފޮޓޯޝޫޓްތަކާއި، ދަތުރުފަތުރުގެ ކަންކަން ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ. މީގެ އިތުރުން، ކަސްރަތު ކުރުމަށާއި މެޑިޓޭޝަން ނުވަތަ ނަފްސާނީ ހަމަޖެހުން ހޯދުމަށް ވަގުތު ހޯދުމަށްޓަކައިވެސް ހެނދުނު ހޭލުން މުހިންމު ކަމަށް އޭނާ ފާހަގަކުރި އެވެ.

"އަހަރެންނަކީ ވަރަށް މަދު ފަހަރަކު ނޫނީ ރޭގަނޑު ނުނިދާ ހޭލާ ހުންނަ މީހެއް ނޫން. ރޭގަނޑު ނުނިދާ ހުރުމުން އަހަރެން ވަރަށް ބޮޑަށް ހާސްވެ، އެންޒައިޓީ ކުރިމަތިވޭ،" ކެންޑަލް ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، މަސައްކަތެއް ނެތް ދުވަސްދުވަހުވެސް ހެނދުނު ހޭލުމަކީ މުޅި ދުވަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ލިބޭ ފުރުސަތެކެވެ.

މިކަމާ ގުޅޭގޮތުން ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ހެނދުނު ހޭލުމަކީ އިންސާނާގެ ހަށިގަނޑުގެ ގުދުރަތީ ނިޒާމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. މުމްބާއީގެ ކޮކިލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ދައްތާތުރޭ ސޮލާންކޭ ފާހަގަކުރެއްވި ގޮތުގައި، ހެނދުނު ހޭލުމުން ނިދީގެ ފެންވަރު ރަނގަޅުވެ، ހަށިގަނޑުގެ ހަކަތަ އިތުރުވެ، ހޯރމޯންތައް ބަރާބަރަށް މަސައްކަތް ކުރަން އެހީތެރިވެދެ އެވެ. އަދި މީގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް ނުވަތަ ކާނާ ހަޖަމުކުރުމުގެ ނިޒާމުވެސް ހަރުދަނާވެގެންދެ އެވެ.

ހެނދުނު ހޭލުމަށް އާދަވުމަށްޓަކައި، ކޮންމެ ދުވަހަކުވެސް ނިދާ ވަގުތާއި ހޭލާ ވަގުތު 15 ނުވަތަ 30 މިނެޓު އަވަސްކުރަމުން ގެންދިއުމަށް ޑޮކްޓަރު ލަފާދެއްވަ އެވެ. އަދި ނިދުމުގެ ކުރިން ކެފެއިން ހުންނަ ބުއިންތަކާއި ދުރުވުމަށާއި، ފޮތް ކިޔުން ފަދަ ހިތްހަމަޖެހޭ ކަމެއް ކުރުމަށްވެސް މާހިރުން އިރުޝާދު ދެއްވައެވެ.