ފިލްމު ޑައިރެކްޓަރު ނިމާލުގެ އާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ތަމްސީލުކުޅުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު އަހްމަދު ނިމާލް ނިޔާވުމުގެ ހިތާމައިގާ އެ އާއިލާއަށް ތައުޒިޔާ ދަންނަވާކަމަށެވެ.
"މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްހޫމް މުޙައްމަދު ނިމާލް ލަހައްޓަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި، އާމީން." ރައީސްގެ ޕޯސްޓުގައި ވެއެވެ.
ނިމާލު ނިޔާވީ ސްޓޯކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާ ސްޓްރޯކެއް ޖެހިގެން އެޑްމިޓް ކުރީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31ވަނަ ދުވަހުއެވެ.
އުމުރުން 62އ. ގެ ނިމާލްއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔައީ އައިސީޔޫގައި ވެންޓިލޭޓަރެއްގެ އެހީގައިކަމަށް މައުލޫމާތު ލިބެއެވެ.
އަދި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް އާއިލާއިން މަސައްކަތްކުރި ނަމަވެސް ފްލައިޓުގައި ގެންދެވޭވަރަށްވުރެ އޭނާގެ ހާލު ސީރިއަސްކަމުން ރާއްޖެއިން ބޭރަށް ގެންދެވޭގޮތް ވަނީ ނުވެފައެވެ.
އެކްޓަރެއްގެ ގޮތުގައި ނިމާލު ފިލްމީ ދާއިރާއަށް ނިކުމެފައިވަނީ 1984 ވަނަ އަހަރު އެވެ. އަދި އެއަށް ފަހު 1993 ވަނަ އަހަރުގެ ތެރޭގައި ނިމާލް ލިޔެ ޑައިރެކްޓުކޮށްފައިވާ ފުރަތަމަ ފިލްމު "ސިޓީ" ވަނީ ނެރެފައެވެ.
ނިމާލްގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ޔޫސުފް" އަދި "ނިއުމާ" ފަދަ ފިލްމްތައް ހިމެނޭއިރު, އޭނާ އެންމެ ފަހުން ފެނިފައިވަނީ ދިވެހި ފިލްމު "ލިލީ"ގައެވެ.










