އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ހުންނަ އައި.އޭ.އީ.އޭ ގެ މައި މަރުކަޒުގައި ބޭއްވި ރީޖަނަލް ކޯ-އޮޕަރޭޓިވް އެގްރީމަންޓް (އާރް.ސީ.އޭ) ގެ 55 ވަނަ ޖެނެރަލް ކޮންފަރެންސް ބައްދަލުވުމުގައި، ދިވެހިރާއްޖެއިން ކުކް އައިލެންޑްސް، މާޝަލް އައިލެންޑްސް، އަދި ވޭނުއާޓޫއާއެކު ބައިވެރިވެއްޖެއެވެ.
ހުކުރު ދުވަހު ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، ސުލްހަވެރި ބޭނުންތަކުގައި ނިއުކްލިއަރ ސައިންސާއި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ދާއިރާއިން ސަރަހައްދީ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމެވެ. މިއީ 1972 ވަނަ އަހަރު ވުޖޫދަށް އައި، އޭޝިއާއާއި ޕެސިފިކް ސަރަހައްދުގެ 22 ގައުމެއް ހިމެނޭ ގޮތަށް އައި.އޭ.އީ.އޭ ގެ އެހީތެރިކަމާއެކު ކުރިއަށްދާ ގައުމުތަކުގެ ސަރުކާރުތަކުގެ މެދުގައި އޮންނަ އިލްމީ އަދި ފަންނީ ގުޅުމެކެވެ.
މި ބައްދަލުވުމުގައި މެންބަރު ގައުމުތަކުން ވަނީ އާރް.ސީ.އޭ ގެ ޕްރޮގްރާމްތަކުގެ މަސައްކަތްތައް ހިނގަމުންދާގޮތާއި ހޯދާފައިވާ ކާމިޔާބީތައް ވަޒަންކޮށް، ކުރިއަށް ހިންގާނެ ކަންކަމާ މެދު މަޝްވަރާކޮށްފައެވެ.
2026 ވަނަ އަހަރުގެ ޕްރޮގްރާމުގައި ހާއްސަ އިސްކަމެއް ދީފައިވަނީ ސަރަހައްދީ ބައިވެރިވުންތައް ވަރުގަދަކުރުމަށާއި، ތަރައްގީގެ ބޭނުންތަކަށް ނިއުކްލިއަރ ސައިންސާއި ޓެކްނޮލޮޖީ ބޭނުންކުރުމަށެވެ. މި ބައިވެރިވުމުގެ ދަށުން، ސިއްހީ ދާއިރާއާއި، ދަނޑުވެރިކަމާއި ކާބޯތަކެތީގެ ޓެކްނޮލޮޖީއާއި، ފެނުގެ ވަސީލަތްތައް މެނޭޖުކުރުމުގެ އިތުރުން ތިމާވެށްޓާއި ރޭޑިއޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ސުލްހަވެރި އެކި ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މިފަދަ ކަންކަމަކީ ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދީ، ބައިވެރިވާ ގައުމުތަކުގެ މެދުގައި ފަންނީ ގާބިލުކަން ވަރުގަދަކުރުމަށް އަމާޒުކޮށްގެން ހިންގާ ކަންކަމެވެ.
ޕެސިފިކް ކުދި ޖަޒީރާ ގައުމުތަކާއެކު ދިވެހިރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރިވުމުން ދައްކުވައިދެނީ އައި.އޭ.އީ.އޭ ގެ ނިޒާމުގެ ތެރެއިން ސަރަހައްދީ އިލްމީ އެއްބާރުލުމުގައި ރާއްޖެއިން ބައިވެރިވާ މިންވަރެވެ.
މި އަހަރު އާރް.ސީ.އޭ ގެ ޗެއާމަންގެ މަގާމު އަދާކުރަނީ އިންޑިއާއިން ކަމަށްވާއިރު، އެ ގައުމުގެ ރިޔާސަތުގެ ދަށުން މައިގަނޑު ގޮތަކަށް މަސައްކަތްކުރަމުންދަނީ ސައިންސާއި އީޖާދުގެ ތެރެއިންނާއި ނިއުކްލިއަރ ޓެކްނޮލޮޖީ ސުލްހަވެރިކަމާއެކު ބޭނުންކޮށްގެން މެންބަރު ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށެވެ.



