އެމެރިކާއަށް ސެޕްޓެމްބަރު 11، 2001 ގައި ދިން ޓެރަރިސްޓް ހަމަލާއަށް 25 އަހަރު ފުރުމުގެ އަހަރީ މުނާސަބަަތުގައި މިއަދު އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވައިފިއެވެ. ޓްރަމްޕްގެ ވާހަކަފުޅުގައި، 9/11 ގެ ހަމަލާ ދިން އަލްގައިދާ ޖަމާއަތާ ސީދާ އީރާނާ ގުޅުމެއް ނެތް ނަމަވެސް، އެ ހަމަލާގެ ހަނދާންތައް ބޭނުންކުރައްވައިގެން މިހާރު ހަތްވަނަ މަހަށް ކުރިއަށްދާ އީރާނު ހަނގުރާމަ ސިޔާސީގޮތުން ދިފާއުކުރެއްވިއެވެ. ޓްރަމްޕް ސިފަކުރެއްވި ގޮތުގައި އީރާނާ ދެކޮޅަށް އެމެރިކާ ސިފައިން ކުރަމުންދާ ހަނގުރާމައަކީ 9/11 އަށްފަހު ފެށި "ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ" ގެ ކުރިއެރުމެކެވެ.

ޕެންޓަގަންގެ ރަސްމިއްޔާތުގައި ތަގުރީރު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އީރާނަކީ ދުނިޔޭގައި ޓެރަރިޒަމަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމު ކަމަށާއި، އެގައުމަށް ނިއުކްލިއާ ހަތިޔާރެއް ލިބުނަ ނުދިނުމަށް އެމެރިކާ ސިފައިން ކުރަމުންދާ މަސައްކަތަށް ސާބަސް ދެއްވާ ކަމަށެވެ. ޓްރަމްޕްގެ އަރިހުގައި ހުންނެވި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވެސް ވަނީ އީރާނަކީ 9/11 ގެ ހަމަލާ ދިން ދުވަހު އެކަމަށް އުފާފާޅުކުރި ރެޖީމެއް ކަމަށް ބުނެ، މި ހަނގުރާމައަކީ ނުބައިކަމާ ދެކޮޅަށް ކުރެވޭ ޖިހާދެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ނަމަވެސް، ހަމަލާގައި މަރުވި މީހުންގެ އާއިލާތަކުންނާއި އިދިކޮޅު ފަރާތްތަކުން ވަނީ 9/11 ގެ މުނާސަބަތު ސިޔާސީ ބޭނުމަކަށް އަދި މަގުބޫލުކަން ކުޑަ ހަނގުރާމައެއް ދިފާއުކުރަން ބޭނުންކުރުމުން ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ހަމަލާގެ އަސްލު ހަގީގަތް ހޯދުމުގެ ބަދަލުގައި، އެމެރިކާ ސަރުކާރުން މި ދުވަސް ބޭނުންކުރަނީ އީރާނާއެކު ހިނގާ ކުރިމަތިލުންތަކަށް އާންމުންގެ ތާއީދު ހޯދަން ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރިއެވެ.