ފަލަސްޠީނުގެ ޣައްޒާގައި ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ޖެހުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ޣައްޒާގައި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުން އެއްބަސްވެއްޖެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނީ ޕޯލިއޯ ވެކްސިން ޖަހަން ފުރުޞަތުދޭން ހަނގުރާމަ ވަގުތީގޮތުން ހުއްޓާލަން އެއްބަސްވެފައިވާ ކަމަށާއި އަންނަ އާދިއްތަ ދުވަހު ވެކްސިން ޖަހަން ފަށާނެ ކަމަށެވެ.
ޑަބްލިޔުއެޗްއޯއިން ބުނީ މި ކެމްޕެއިނުގެ އަމާޒަކީ ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ގާތްގަނޑަކަށް 640,000 ކުދިންނަށް ވެކްސިން ދިނުން ކަމަށެވެ. ތިން މަރުޙަލާއަކަށް ބަހާލައިގެން މެދު، ދެކުނު އަދި އުތުރުގެ އެކި ހިސާބުތަކުގައި ވެކްސިން ޕްރޮގްރާމް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކޮންމެ މަރުޙަލާއެއްގައި ވެސް ޖެހިޖެހިގެން ތިން ދުވަހު ފަލަސްޠީނުގެ ގަޑިން 6:00 އިން 15:00 އާ ދެމެދު ހަނގުރާމަ މެދުކަނޑާލާނެ ކަމަށް ޑަބްލިޔުއެޗްއޯއިން ބުންޏެވެ.
ޑަބްލިޔުއެޗްއޯއިން ބުނީ ނޮވެލް އޯރަލް ޕޯލިއޯ ވެކްސިން ޓައިޕް 2 (އެންއޯޕީވީ2)ގެ ގާތްގަނޑަކަށް 1.26 މިލިއަން ޑޯޒް މިހާރުވެސް ޣައްޒާއަށް ގެނެސްފައިވާއިރު އިތުރު 400,000 ޑޯޒް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.
މި ކެމްޕެއިނަކީ ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ޑަބްލިޔުއެޗްއޯ، ޔުނިސެފް، ޔޫއެންއާރްޑަބްލިޔު ގުޅިގެންް ކުރިއަށްގެންދާ ކެމްޕެއިނެކެވެ. މި ވެކްސިން ޖެހުމަށްޓަކައި 2000 އަށްވުރެ ގިނަ ހެލްތު އަދި ކޮމިއުނިޓީ އައުޓްރީޗް ވޯކަރުން ވަނީ ތަމްރީނުކޮށްފައެވެ.
ޑަބްލިޔުއެޗްއޯއިން ބުނީ އެ ޖަމިޢްޔާގެ އަމާޒަކީ ޣައްޒާގެ ތެރޭގައި ވައިރަސް ފެތުރުން ހުއްޓުވުމަށް ބޭނުންވާ %90 ވެކްސިން ކަވަރޭޖް މުޅި ސަރަޙައްދުގައި ޙާސިލްކުރުން ކަމަށެވެ.









