ގައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލް އިން ބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުމާ ގުޅިފައިވާ ތަފާތު އިންޖިނިއަރިންގ އަދި ފަންނީ މަސައްކަތްތައް އާންމުންނަށް ދައްކާލައިފިއެވެ.
މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ގައުމުގެ ތަރައްގީގައި އިންޖިނިއަރިންގ ދާއިރާގެ މުހިންމުކަން ކުޑަކުދިންނަށް އޮޅުންފިލުވައިދީ، ފަންނީ މަސައްކަތްތަކަށް އެކުދިންގެ ޝައުގުވެރިކަން އިތުރުކުރުމެވެ.
މި އިވެންޓުގައި އެމްއޭސީއެލްގެ ފަރާތުން އިންޖިނިއަރިންގ އަދި ޓެކްނިކަލް މައިގަނޑު ހަތް ދާއިރާއެއްގެ މަސައްކަތްތައް ދައްކާލާފައިވެއެވެ. އޭގެ ތެރޭގައި ވޯޓަރ އެންޑް ސެވެރޭޖް ސަރވިސަސް (ޑަބްލިއު.އެސް.އެސް)، މެކޭނިކަލް ސަރވިސަސް (އެމް.އެސް.ޔޫ)، ހީޓް ވެންޓިލޭޝަން އެންޑް އައަރ ކޮންޑިޝަނިންގ (އެޗް.ވީ.އޭ.ސީ)، ފިއުލް ސަރވިސަސް، އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ)، އޭރޯ ޑްރޯމް ގްރައުންޑް އެއިޑްސް (އޭ.ޖީ.އޭ) އަދި ޕަވަރ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން (ޕީ.ޖީ.ޑީ.ޑީ)ގެ ދާއިރާ ހިމެނެއެވެ.
މި ހަރަކާތުގެ ތެރެއިން އެމްއޭސީއެލްގެ އިންޖިނިއަރުން ވަނީ ބައިވެރިންނަށް އަމަލީ ތަޖުރިބާ ހިއްސާކޮށް، އެއާޕޯޓު ހިންގުމުގެ ދާއިރާއިން ފަހިވެފައިވާ އިންޖިނިއަރިންގ ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައެވެ.









