ނޯވޭގެ ރަސްގެފާނު ކިންގް ހަރަލްޑް 5 ވަނަ އަވަހާރަވުމާއި ގުޅިގެން، އެ ގައުމުގެ ޝާހީ ތަރުތީބަށް އައި ބޮޑު ބަދަލާއެކު، 600 އަހަރަށްފަހު ފުރަތަމަ ފަހަރަށް ނޯވޭގެ ތަޚުތަށް އަންހެން ރާނީއަކު އިސްވުމުގެ ތާރީޚީ މަގު ފަހިވެއްޖެއެވެ ބައްޕާފުޅު ކްރައުން ޕްރިންސް ހާކޮން، ކިންގް ހާކޮން 8 ވަނަ ގެ ނަމުގައި ރަސްކަމުގެ ތަޚުތަށް އިސްވެވަޑައިގަތުމާއެކު އޭނާގެ ދޮށީ ދަރިކަނބަލުން، އުމުރުން 22 އަހަރުގެ ޕްރިންސަސް އިންގްރިޑް އެލެގްޒެންޑްރާ ވަނީ ނޯވޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރަސްމީ "ކްރައުން ޕްރިންސަސް" (ތަޚުތުގެ ސީދާ ވާރިސް) ގެ މަގާމު ހޯއްދަވާފައެވެ.
މި ތާރީޚީ ބަދަލަކީ ނޯވޭއިން 1990 ގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހެއްގެ ދަށުން ހިނގައިދިޔަ ކަމެކެވެ. އެ އިސްލާހުގެ ދަށުން، އާއިލާގައި އުފަންވާ އެންމެ ދޮށީ ކުއްޖަކީ އަންހެނަކަށް ވިޔަސް ނުވަތަ ފިރިހެނަކަށް ވިޔަސް، ރަސްކަމުގެ ތަޚުތު ސީދާ ވާރުތަވާނެއެވެ.
ޔުނިވަރސިޓީ އޮފް އޮސްލޯގައި ތައުލީމު ހާސިލުކުރައްވަމުންދާ އަދި ނޯވޭގެ އަސްކަރިއްޔާގައި ތަމްރީނު ފުރިހަމަކުރައްވާފައިވާ ކްރައުން ޕްރިންސަސް އިންގްރިޑް އެލެގްޒެންޑްރާ ވެވަޑައިގަންނަވާނީ، 14 ވަނަ ގަރުނުގެ ފަހުން ނޯވޭގެ ތަޚުތަށް ސީދާ އިސްވެވަޑައިގަންނަވާނެ ފުރަތަމަ ރާނީއަށެވެ.
މިހާރު ޑިގްރީ އަށް ކިޔަވަމުންދާ ޕްރިންސަސް އިންގްރިޑް އެލެގްޒެންޑްރާ މިހާރު ވަނީ ބޭރުގެ ވަފުދުތަކާއި ބައްދަލުކުރުން ފަދަ ގަނޑުވަރުތެރޭގެ ކަންތައްތަކާއި ޙަވާލުވެވަޑައިގެންފައެވެ.









