ނޯވޭގެ ޝާހީ ތަޚުތު ކްރައުން ޕްރިންސް ހާކޮން އަށް ވާރުތަވެ، އެ ގައުމުގެ އާ ރަސްގެފާނުގެ ގޮތުގައި ރަސްމީކޮށް ހަވާލުވެވަޑައިގެންފިއެވެ. ބައްޕާފުޅު ކިންގް ހަރަލްޑް 5 ވަނަ އަވަހާރަވުމާއި ގުޅިގެން، ކިންގް ހާކޮން 8 ވަނަ ގެ ނަމުގައި ރަސްކަމުގެ މަގާމާއި ހަވާލުވެވަޑައިގަތީ ނޯވޭގެ ގާނޫނުއަސާސީގައިވާ ރަސްކަން ވާރުތަވުމުގެ ހަމަތަކުގެ މަތިންނެވެ. އާ ރަސްގެފާނު ވަނީ ބައްޕާފުޅުގެ ތާރީޚީ ޝިއާރު ކަމަށްވާ “ހުރިހާ ކަމެއް ނޯވޭއަށްޓަކައި” ދަމަހައްޓަވައި، އެ ގައުމަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.
ހާކޮން ރަސްކަމާއި ޙަވާލުވެވަޑައިގެން ނޯވޭގެ ގަނޑުވަރުތެރޭގެ މަގާމުތަކާއި ޝާހީ ތަރުތީބަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އާ ރަސްގެފާނުގެ ދޮށީ ދަރިކަނބަލުން، އުމުރުން 22 އަހަރުގެ ޕްރިންސަސް އިންގްރިޑް އެލެގްޒެންޑްރާ ވަނީ ނޯވޭގެ އާ ކްރައުން ޕްރިންސަސްގެ ގޮތުގައި ކަނޑައެޅި، ތަޚުތުގެ ފުރަތަމަ ވާރިސަށް ވެވަޑައިގެންފައެވެ.

އުމުރުން 22 އަހަރުގެ ޕްރިންސަސް އިންގްރިޑް އެލެގްޒެންޑްރާ.
މިއީ ނޯވޭގެ ތާރީޚުގައި އަންހެން ބޭފުޅަކަށް މިފަދަ މަތީ ދަރަޖައެއް ސީދާ ގާނޫނީ ހަމަތަކުން ލިބުނު ފުރަތަމަ ފަހަރެވެ.
އާ ރަސްގެފާނު ހާކޮން ރަސްކަމާއި ހަވާލުވެވަޑައިގަތުމުން، ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ގަހް ސްޓޯރޭ ވަނީ ސަރުކާރާއި ރައްޔިތުންގެ ފަރާތުން އާ ރަސްގެފާނަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވާފައެވެ.









