ނޯވޭގެ އުމުރުން ދުވަސްވީ ރަސްގެފާނު، ކިންގް ހަރަލްޑް 5 ވަނަ، ލޭގެ ބައްޔެއް ކަމަށްވާ ހީމޮލިޓިކް އެނީމިއާ އަށް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ. އުމުރުފުޅުން 89 އަހަރުގައި އެމަނިކުފާނު އަވަހާރަވީ އޮސްލޯގެ ނޭޝަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް، ސިއްހީ ހާލުކޮޅު ކުއްލިއަކަށް އިތުރަށް ގޯސްވުމުގެ ސަބަބުންނެވެ. ނޯވޭގެ ޝާހީ ގަޑުވަރުން ހާމަކޮށްފައިވާ ގޮތުގައި ރަސްގެފާނު އަވަހާރަވީ މިއަދު ހެނދުނު ރާއްޖެގަޑިން 9:35 (އޮސްލޯ ގަޑިން 6:35) ގައެވެ.
މިދިޔަ އޯގަސްޓް މަހުގެ މެދުތެރޭގައި ރަސްގެފާނު ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނީ ހީމޮލިޓިކް އެނީމިއާ ބަލީގެ ސަބަބުން ހަށިގަނޑުގައި ފެން ހެދުމުގެ އުނދަގޫތަކެއް ދިމާވެގެންނެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، އެމަނިކުފާނުގެ ލޭގެ ތެރެއަށް ނުރައްކާތެރި ބެކްޓީރިއަލް އިންފެކްޝަނެއް ފެތުރި، އުމުރުފުޅުން ދުވަސްވުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. މި އިންފެކްޝަނާއި ގުޅިގެން ޑޮކްޓަރުންގެ ޓީމުން ކުރި މަސައްކަތް ނާކާމިޔާބުވެ، ފާއިތުވި ކުޑަދުވަސްކޮޅުގެ ތެރޭގައި ހާލުކޮޅު ވަރަށް ބޮޑަށް ދަށަށް ދިޔައީއެވެ.
ކިންގް ހަރަލްޑް 5 ވަނަ އަކީ 1991 ވަނަ އަހަރުން ފެށިގެން ފާއިތުވި 35 އަހަރު ވަންދެން ނޯވޭގެ ތަޚުތުގައި ރަސްކަން ކުރެއްވި، ރައްޔިތުންގެ ލޯބި ވަރަށް ބޮޑަށް ހޯއްދަވާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންގެ ޙައްޤުތައް ކަށަވަރު ކުރުމަސް މަސައްކަތް ކުރެއްވި ރަސްކަލެއްގެ ގޮތުގައި އެޤައުމުގެ މީހުން އޭނާ ފާހަގަކުރެއެވެ.
ނޯވޭގެ ގާނޫނުއަސާސީގެ ދަށުން މިހާރު އެގައުމުގެ އައު ރަސްގެފާނުގެ ގޮތުގައި ތަޚުތަށް އިސްވެވަޑައިގެންފައިވަނީ އެމަނިކުފާނުގެ ދަރިކަލުން، ކިންގް ހާކޮން 8 ވަނައެވެ.









