ހިމާލަޔާ ފަރުބަދަ މަތީގައިވާ ބޮޑު ގަނޑުފެންގަނޑެއް ވެއްޓި ނޭޕާލް އަދި ޓިބެޓް ގުޅޭ ހިމާލަޔަން ބޯޑަރަށް ކުރިމަތިވި ނުރައްކާތެރި ގުދުރަތީ ހާދިސާ އަށް ފަހު، އިތުރު ލޮޅުމެއްގެ ބިރު ހީވެ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މެދުކަނޑާލައިފިއެވެ.
މިހާރު ކުރިމަތިލައިގެން އުޅޭ ކާރިސާއަށް 48 ގަޑިއިރަށްވުރެ ގިނައިރު ވެފައިވާއިރު، ނޭޕާލުން އެކަނިވެސް މަރުވެފައިވާ 475 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.
މި ކާރިސާގައި ހާހަކަށް ވުރެ ގިނަ މީހުން ގެއްލި ވީނުވީއެއް ނޭނގިފައި ވާއިރު، މަސްދަރުތައް ބުނަނީ ކިސަޑާއި ވެލީގެ ތެރޭގައި ގިނަބަޔަކު ވަޅުލެވިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
މިހާރު އޮތް ބިރަކީ ބުދަދުވަހު ހިނގި ބޮޑު ކާރިސާ އާއި ގުޅިގެން ބާރުގަދަ އޮޔާއި އެކު ދިޔަ ކުނިތަކާއި މަށީގެ ސަބަބުން ކޯރު ބެދި، ނޭޕާލާއި ޓިބެޓްގެ ބޯޑަރުގައި އަލަށް އުފެދުނު މާސިންގާ ފެންގަނޑު ބަންޑުން ވުމުގެ ބިރެވެ. މިއީ ބޮޑު ލޭކެއް ވަރުގެ ތަނެކެވެ. މި ފެންގަނޑު ހިފަހައްޓަން ހުރި ހުރަސް (ޑޭމް)ފަޅައިގެން ގޮސް އިތުރު ކާރިސާއެއް ހިނގާފާނެ ކަމަށް ބެލެވޭތީވެ، ރެސްކިއު އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓައިލީއެވެ.
ރެޑްކްރޮސްގެ އޮފިޝަލަކާއި ހަވާލާދީ ހަބަރުތައް ބުނާ ގޮތުގައި، ކޮންމެ ވަގުތެއްގައިވެސް ދެވަނަ ފެންބޮޑުވުމެއް އަތުވެދާނެކަމުގެ ރިޕޯޓުތަކާ ގުޅިގެން، ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ރެސްކިއު ޓީމުތައް ތިބީ ނުހަނު ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.









