ނޭޕާލާއި ޗައިނާގެ ޓިބެޓް ބޯޑަރު ގުޅޭ ސަރަހައްދަށް ދިމާވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 350 އަށްވުރެ މައްޗަށް އަރައިފިއެވެ.
ހިމާލަޔަން ފަރުބަދަތަކުގެ މަތީގައި އޮތް ސްނޯގަނޑެއް ކުއްލިއަކަށް ފައިބައިގަނެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހިނގި މި ހާދިސާގައި "ތުރިޝޫލީ" ކޯރުގެ ފެންގަނޑު 9 މީޓަރަށް އުފުލުނީ ކުޑަކުޑަ ހިނދުކޮޅެއްގެތެރޭގައެވެ.
މި ކާރިސާގައި 1,300 އަށްވުރެ ގިނަ މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ގެއްލުނު މީހުންގެ ތެރޭގައި އެކި ޤައުމުތަކަށް ނިސްބަތްވާ 700 އެއްހާ ބޭރުގެ ފަތުރުވެރިން ވެސް ހިމެނެއެވެ. ނޭޕާލްގެ ސިފައިންނާއި ރެސްކިއު ޓީމުތަކުން ހެލިކޮޕްޓަރާއި ޑްރޯން ބޭނުންކޮށްގެން މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ހާދިސާގައި އެ ސަރަހައްދުގެ ގިނަ އަދަދެއްގެ ގެދޮރާއި، މަގުތަކާއި، ބްރިޖުތަކުގެ އިތުރުން ހައިޑްރޯޕަވަރ މަޝްރޫޢުތަކެއް ވަނީ މުޅިން ހަލާކުވެފައެވެ. އަދި ކަރަންޓާއި މުވާޞަލާތީ ޚިދުމަތްތައް މެދުކެނޑުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް އިތުރު ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.









