ނޭޕާލުގައި ކުއްލިއަކަށް ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 162 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެ އެވެ. ނޭޕާލާއި ޗައިނާގެ ޓީބެޓް ބޯޑަރު ސަރަހައްދަށް ދިމާވި މި ނުރައްކާތެރި ކާރިސާ ހިނގާފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. ނޭޕާލް ފުލުހުންނާއި ސަލާމަތީ ބާރުތަކުން އަންނަނީ ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށްޓަކައި މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުންނެވެ.

ފެން ބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށްޓަކައި ރެސްކިއު ޓީމުތަކުން މަސައްކަތް ކުރަނީ.
މި ހާދިސާ ހިނގަން މެދުވެރިވީ ފަރުބަދަމަތީގެ ސަރަހައްދެއްގައި އޮތް ސްނޯގެ ފަރުބަދައެއް ވެއްޓި، އެ ސަރަހައްދުން ދެމެމުންދާ ބްހޯޓޭ ކޮޝީ ކޯރު ބަންޑުންވެގެން ކަމަށް މައުލޫމާތު ލިބެއެވެ. މިކަމުގެ ސަބަބުން ކޯރުގެ ކައިރީގައިވާ އަވަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، 400 އަށް ވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. ގެއްލުނު މީހުންގެ ތެރޭގައި އެ ސަރަހައްދަށް ޒިޔާރަތްކޮށްގެން އުޅުނު ބޭރު ގައުމުތަކުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ހިމެނެ އެވެ.
މި ކާރިސާގެ ސަބަބުން 19 ބްރިޖަކާއި 40 ކިލޯމީޓަރުގެ މަގު މުޅިން ހަލާކުވެ، މުވާސަލާތީ ހިދުމަތްތައް ކެނޑި، ސަރަހައްދީ ހައިޑްރޯޕަވަރު މަޝްރޫއުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. މަގުތައް ބަންދުވުމުގެ ސަބަބުން އެހީ ފޯރުކޮށްދޭ ޖަމާއަތްތަކަށް ހާލުގައި ޖެހިފައި ތިބި މީހުންނާ ހަމައަށް ވާސިލްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި ކަމަށް ވެސް މަސްދަރުން ބުނެއެވެ.









