ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފިއެވެ. ދައުލަތުގެ މީޑިއާ (ޕީ.އެސް.އެމް) ގެ ސިލްސިލާ ޕޮޑްކާސްޓް "ނޭޝަންޗެޓް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދެމެހެއްޓެނިވި އަދި މާނަހުރި ގޮތެއްގައި ޤައުމުގެ ކަންކަން އިޞްލާޙު ކުރުމަށްޓަކައި ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރުމަށްޓަކައި އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ޙަޤީޤަތްތަކާ ކުރިމަތިލާންޖެހޭ ކަމަށް ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ކުރިން ޤާނޫނުގައި އޮވެމެ ތަންފީޒު ނުކުރެވި ހުރި ކަންކަން ހަރުދަނާ އުޞޫލެއްގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާ ކަމަށެވެ.
ފާހަގަ ކޮށްލެވޭ ގޮތުގައި ބޭރުފައިސާ މާރުކުރުމުގެ ޤާނޫނާއި ޚިލާފުވާ ފަރާތްތަކާއި މެދު ކުރިން ޤާނޫނީ ފިޔަވަޅު އަޅާތަނެއް ނުފެނެއެވެ. ނަމަވެސް އެކަން ވެސް މިހާރު ވަނީ ބަދަލުކޮށް، ޤާނޫނުގައިވާ ގޮތަށް ޢަމަލުކުރަން ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކާއި ޤާނޫނުތަކަށް ގެންނަ އިޞްލާޙުތަކަކީ ވެސް ސިޔާސީ ގޮތުން ނިންމާ ނިންމުންތަކެއް ނޫނެވެ. މިއީ ތަޢުލީމީ އަދި ފަންނީ ތަޖުރިބާކާރުންގެ ޓީމުތަކުން، ގިނަ ދުވަސްތަކެއް ވަންދެން ކުރާ މަޝްވަރާތަކާއި ޓެކްނިކަލް ދިރާސާތަކަށް ފަހު، ހަރުދަނާ އުޞޫލުތަކުގެ ތެރެއިން ނިންމާ ނިންމުންތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ޑޮލަރާ ގުޅޭ ސިޔާސަތުތައް ވަކިގޮތްތަކަކަށް ބައްޓަންކުރުމާއި، ޤާނޫނުތައް ބާރުވެރިކުރުވުން ހިމެނެނީ ޤައުމުގެ ޙަޤީޤީ ޙާލަތުގެ މައްޗަށް ބިނާކޮށް ގެންނަ ބަދަލުތަކެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.
ޤައުމުގެ ކަންކަން އިޞްލާޙުކޮށް އިޤްތިޞާދު ފުޅާކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒުކަން ހާމަކުރައްވަމުން ރައީސް މުޢިއްޒު ވަނީ، ޤައުމުގެ ކުރިއެރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. އަދި ބޭރު ފައިސާގެ މައްސަލަތައް ޙައްލުކުރުމަށާއި އިޤްތިޞާދީ ކަންކަން ހަމަމަގަށް އެޅުވުމަށް ޤާނޫނީ އިޞްލާޙުތަކާއެކު އަޅުއްވާ ފިޔަވަޅުތަކުގެ ސަބަބުން، ސިޔާސީ ގޮތުން ތަފާތު ވާހަކަތަކެއް ދެކެވުނު ކަމުގައި ވީ ނަމަވެސް، ޖުމްލަ ނަތީޖާ ރަނގަޅުވާނެކަން ކަށަވަރުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.









