ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް "ނޭޝަންޗެޓް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ބޭރު ފައިސާގެ މައްސަލަތައް ޙައްލުކުރުމަށާއި އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ މެދު ސިޔާސީ ގޮތުން ތަފާތު ވާހަކަތަކެއް ދެކެވުނު ކަމުގައި ވީ ނަމަވެސް، އެ ފިޔަވަޅުތަކުގެ ޖުމްލަ ނަތީޖާ ރަނގަޅުވާނެ ކަމަށެވެ. އަދި ސިޔާސީ ދެކޮޅުވެރިކަމެއް ނުވަތަ ފާޑުކިއުންތަކެއް ހުރި ނަމަވެސް، އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތަކުގެ އެދެވޭ އަދި ފޮނި ނަތީޖާ ރައްޔިތުންނަށް ފެންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކާއި، ޤާނޫނުތަކާއި ސިޔާސަތުތަކަށް ގެންނަ ކޮންމެ އިޞްލާޙަކީ ވެސް ޤައުމުގެ ޙަޤީޤީ ޙާލަތުގެ މައްޗަށް ބިނާކޮށް ގެންނަ ބަދަލުތަކެކެވެ. މިއީ ސިޔާސީ ގޮތުން ނިންމާ ނިންމުންތަކެއް ނޫން ކަމަށާއި، މި ނިންމުންތަކަކީ ތަޢުލީމީ އަދި ފަންނީ ތަޖުރިބާކާރުންގެ ޓީމުތަކުން ގިނަ ދުވަސްތަކެއް ވަންދެން ކުރި މަޝްވަރާތަކާއި ޓެކްނިކަލް ދިރާސާތަކަށް ފަހު، ހަރުދަނާ އުޞޫލުތަކުގެ ތެރެއިން ނިންމާފައިވާ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ތެރޭގައި ޑޮލަރާއި ގުޅޭ ސިޔާސަތުތައް ވަކި ގޮތްތަކަކަށް ބައްޓަންކުރުމާއި، ކުރިން ޤާނޫނުގައި އޮވެމެ ތަންފީޒު ނުކުރެވި ހުރި ކަންކަން ހަރުދަނާކުރުން ހިމެނެއެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއަށްވުރެ ފުޅާކުރުންކަން ހާމަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޤައުމުގެ ކުރިއެރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ. އަދި ޤައުމުގެ ކަންކަން ދެމެހެއްޓެނިވި އަދި މާނަހުރި ގޮތެއްގައި އިޞްލާޙު ކުރެވޭނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ޙަޤީޤަތްތަކާއި ކުރިމަތިލައިގެން ކަމަށްވާއިރު، މިހާރު ކުރެވެމުންދާ މަސައްކަތްތަކަކީ ގައުމުގެ މުސްތަގުބަލު ހަރުދަނާ ބިންގަލެއްގެ މައްޗަށް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ދުރުވިސްނުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.









