ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ "ރަސްމާލެ" މަޝްރޫޢުގެ ދަށުން މިހާތަނަށް 716 ހެކްޓަރުގެ ބިން ހިއްކައި ނިމި، އެ ސަރަޙައްދަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު އެއްގަމު ބިމުގެ ސަރަޙައްދަށް ވެއްޖެ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަޝަން، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު ވިދާޅުވި ގޮތުގައި، މިހާތަނަށް ރަސްމާލެއިން ހިއްކުނު 716 ހެކްޓަރުގެ ބިމަކީ، މީގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު ރަށް ކަމަށްވާ ލ. ގަމުގެ ބޮޑުމިނަށްވުރެ (609 ހެކްޓަރު) 107 ހެކްޓަރު ބޮޑު ސަރަހައްދެކެވެ. މިއާއެކު ރަސްމާލެ ވެފައިވަނީ ރާއްޖޭގެ އެއްގަމު ބިމުގެ އެންމެ ބޮޑު ސަރަޙައްދަށެވެ.
ޖުމްލަ 1,150 އެއްހާ ހެކްޓަރުގެ ބިން ހިއްކުމަށް ރާވާފައިވާ މި ބިޔަ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 18 ޑިސެމްބަރު 2023 ގައި ފައްޓަވައިދެއްވި މަޝްރޫއެކެވެ. މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން "އިކޯ-ސިޓީ" އެއްގެ ގޮތުގައި ތަރައްގީކުރާ މި މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 65،000 ހައުސިންގ ޔުނިޓާއި، 15،000 ގޯތި ދޫކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
މި އަހަރުގެ މާޗް މަހުގެ ނިޔަލަށް 500 ހެކްޓަރު އަދި އޮގަސްޓްގެ މެދެއްހާ ހިސާބުގައި 556.54 ހެކްޓަރު ހިއްކިފައިވީ ނަމަވެސް، މަސައްކަތް ހަލުވިކޮށް މިހާރު ވަނީ 716 ހެކްޓަރަށް އިތުރުކުރެވިފައެވެ. ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅަށް ނިންމުމަށް އަމާޒު ހިފާފައިވާއިރު، މިއީ ތިމާވެއްޓަށް ގެއްލުން ކުޑަވާނޭހެން އަދި މޫސުމީ ބަދަލުތަކުން ރައްކާތެރިވާ ގޮތަށް ކަނޑުގެ ލޮނުގަނޑަށްވުރެ އުސްކޮށް ބިންގަނޑު އުފުލައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ބިން ހިއްކުމުގެ މަރުހަލާއަށްފަހު އަސާސީ ހިދުމަތްތަކާއި މަގުތައް ހެދުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.









