ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ އުފަން ރަށް ކަމަށްވާ ކްރިވީ ރިހްގެ ޝޮޕިން ސެންޓަރަކަށް ރަޝިޔާއިން ދިން ނުރައްކާތެރި ޑްރޯން ހަމަލާތަކެއްގައި މަދުވެގެން 16 މީހުން މަރުވެ، 140 އަށްވުރެ ގިނަ މީހުން ޒަޚަމްވުމާ ގުޅިގެން ރަޝިޔާއަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ޒެލެންސްކީ ދެއްވައިފިއެވެ.
ޔޫކްރޭންގެ އޮފިޝަލުން މަޢުލޫމާތު ދެއްވާ ގޮތުގައި، ރަޝިޔާގެ ޑްރޯންތަކުން މި ސަރަހައްދަށް ހަމަލާދީފައިވަނީ ދެ ފަހަރެއްގެ މަތިންނެވެ. މިގޮތުން ދެވަނަ ހަމަލާ އަމާޒުކޮށްފައިވަނީ ފުރަތަމަ ހަމަލާއާ ގުޅިގެން ރޯވި އަލިފާން ނިއްވުމަށާއި، ޒަޚަމްވި މީހުން ސަލާމަތްކުރުމަށް އިމަޖެންސީ ކްރޫތަކުން ހަރަކާތްތެރިވަމުން ދަނިކޮށް ގާތްގަނޑަކަށް 30 މިނެޓު ފަހުންނެވެ. އޮފިޝަލުން ވަނީ މިއީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ނުރައްކަލުގެ ތެރެއަށް ވައްޓާލުމުގެ ބޭނުމުގައި ދީފައިވާ "ޑަބަލް-ޓެޕް" ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މި ހަމަލާގެ ސަބަބުން 9،000 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި އަލިފާން ރޯވެފައިވާއިރު، އަނިޔާވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. އާދީއްތަ ދުވަހުގެ ހެނދުނާ ހަމައަށް 50 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭގެ ތެރޭގައި 13 ކުޑަކުދިން ހިމެނޭ ކަމަށާއި، 6 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ކްރިވީ ރިހްގައި އޯގަސްޓް 23 ވަނަ ދުވަހަކީ ހިތާމަފާޅުކުރުމުގެ ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ރައީސް ޒެލެންސްކީ ވަނީ މިއީ ގަސްތުގައި ދީފައިވާ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައި ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ޔޫކްރޭނުން މިކަމަށް ރައްދު ދޭނެ ކަމަށް ވިދާޅުވެ، ރަޝިޔާއަށް ކުރާ ފިއްތުންތައް އިތުރުކުރުމަށާއި ސިޓީތައް ހިމާޔަތްކުރުމަށް އިތުރު އެއާ-ޑިފެންސް ސިސްޓަމްތައް ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.
ފަހަކަށް އައިސް ރަޝިޔާއިން ޔޫކްރޭނަށް ދޭ ވައިގެ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މި ހަމަލާތަކުގެ ސަބަބުން ޔޫކްރޭނަށް އެމެރިކާގައި އުފައްދާ ޕެޓްރިއަޓް މިސައިލް އިންޓަސެޕްޓަރުތައް މަދުވެފައިވާކަން ވަނީ ހާމަވެފައެވެ. ނަމަވެސް، ފްރާންސުން މިހާރު ވަނީ ޔޫކްރޭނަށް އަސްކަރީ އެހީތެރިކަމާއި މިސައިލް ފޯރުކޮށްދިނުމުގެ މަސައްކަތް އަވަސްކުރާނެ ކަމަށް ވައުދުވެފައެވެ.









