ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޔޫއެފާއިން ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއަށް ވެފައިވަނީ، އޭނާގެ ޗެމްޕިއަންސް ލީގު ކެރިއަރގައި ކުޅުނު 183 މެޗުން ޖަހާފައިވާ 140 ގޯލުންނެވެ.

މިހާރު ސައުދީ ލީގުގެ އަލް ނަސްރުގައި ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން، އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހުމާއި ތިން ތަފާތު ފައިނަލްގައި ގޯލު ޖެހައި، މޮނާކޯގައި ބޭއްވުނު ރަސްމިއްޔާތުގައި ވަނީ އަލުން މި މުބާރާތުގައި ބައިވެރިވެދާނެކަމުގެ އިޝާރާތެއްވެސް ދީފައެވެ. 

ސްޕޯޓިންގ ލިސްބަން، މެންޗެސްޓަރ ޔުނައިޓެޑް، ރިއަލް މެޑްރިޑް އަދި ޖުވެންޓަސްއަށް ކުޅެފައިވާ ރޮނާލްޑޯއަށް މި މަގާމު ލިބުނީ 2024-2025 ޗެމްޕިއަންސް ލީގުގެ ސީޒަން ފެށުމުގެ ގޮތުން ބޭއްވުނު ގާލާގައެވެ. މި ރަސްމިއްޔާތުގައި ޔޫއެފާގެ ރައީސް އަލެކްސާންޑަރ ސެފެރިން ވަނީ ރޮނާލްޑޯއަކީ މި މުބާރާތުގެ "އެންމެ އުޖާލާ ތަރިތަކުގެ ތެރެއިން އެއް ތަރި" ކަމަށް ބުނެ ތަޢުރީފް ކޮށްފައެވެ.