މުގައްދަސް އަގްސާ މިސްކިތުގައި ހަރުކަށި ޔަހޫދީއަކު ރޯކޮށްލައި، އެތަނުގައި ހުރި ތާރީޚީ އިސްލާމީ ބައެއް ތަކެތި އަޅިއަށް ހަދާލި ހިތާމަވެރި ކާރިސާއަށް މިއަދަށް 57 އަހަރު ފުރުނުއިރުވެސް، އެ މިސްކިތާއި ގުދުސް (ޖެރޫސަލަމް) ގެ މުސްލިމުންނަށް އޮތް ނުރައްކަލާއި ބިރުވެރިކަމަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. 1969 ގެ އޮގަސްޓް 21 ގައި މިސްކިތް އަންދާލުމުން އެ އަލިފާން ނިއްވުމަށް މަސައްކަތް ކުރި ފަލަސްތީނުގެ މުސްލިމުންނަށް އިޒުރޭލު ސިފައިން ހުރަސް އެޅިއެވެ. އެ ގޮތުން އެތަނުން ފެން ވެސް ކަނޑައިލިއެވެ.
މިއަދުގެ ޚާއްޞަ މުނާސަބަތާ ދިމާކޮށް ފަލަސްތީނުގެ މަސްދަރުތަކުން ރިޕޯޓްކުރާ ގޮތުގައި، އިޒުރޭލުގެ ހަތިޔާރުއެޅި ސިފައިންނާއި ފުލުހުން ދަނީ އަގްސާ މިސްކިތުގެ ދޮރުތަކާއި ގުދުސްގެ އެކި ސަރަހައްދުތަކުގައި ހަތިޔާރާއި އެކު ފޯރިމަރަމުންނެވެ.
އިޒުރޭލު ސިފައިން ދަނީ ފަލަސްތީނުގެ ޒުވާނުންނާއި ހުޅަނގު އައްސޭރިން އަންނަ މުސްލިމުންގެ އައިޑީ ކާޑުތައް އަތުލައި، އެމީހުން މިސްކިތަށް ވަނުން ވަރަށް ބޮޑަށް ހަނިކޮށް ހުރަސްއަޅަމުންނެވެ. މީގެ އިތުރުން، ސިފައިންގެ ފުރިހަމަ ހިމާޔަތާއެކު ހަރުކަށި ޔަހޫދީ ވަޒަންވެރިން މިއަދުވެސް ވަނީ މިސްކިތުގެ ގޯތިތެރެއަށް ވަދެގަނެ، މުސްލިމުންނަށް ޖެއްސުންކުރުމުގެ ހަރަކާތްތައް ހިންގާފައެވެ.
މިސްކިތް އަންދާލިތާ 57 އަހަރު ފުރުނު ހިތާމަވެރި ދަނޑިވަޅަކީ ސަރަހައްދީ މަސްރަހު އިންތިހާ އަށް ހޫނުވެފައިވާ ވަގުތެއް ކަމަށްވާއިރު، ޔަހޫދީން ގެންދަނީ އަގްސާ މިސްކިތް މުސްލިމުންގެ އަތުން މުޅިން އަތުލުމަށް އައު ރޭވުންތަކެއް ރާވަމުންނެވެ. އެގޮތުން ކުރިއަށް އޮތް އޮގަސްޓް 27 ވާ ބުރާސްފަތި ދުވަހު އަގްސާ ސަރަހައްދުގައި ބޮޑު މުޒާހަރާއެއް ބާއްވައި، ހޮނިހިރު ދުވަސްތަކުގައި ވެސް ޔަހޫދީންނަށް އެތަނަށް ވަދެވޭނެ ގޮތް ހެދުމަށް އިޒުރޭލު ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަން ވަނީ ނިންމާފައެވެ.
ހަމާސް އިން ގޮވާލާފައި ވަނީ މިއަދު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް މި ދުވަސް ފާހަގަކުރުމުގެ ގޮތުން ފަލަސްތީނުގެ ދިފާއުގައި ތެދުވެ ޝުޢޫރުތައް ފާޅު ކުރުމަށެވެ.









