ރ.ދުވާފަރުގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންނެއްގައި 38 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު ހިންގި މި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފަވަނީ އަނބުމާގެ / ރ. ދުވާފަރު، ޢަލީ ޢަބްދުﷲ (38އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރިއެވެ.
އެ ރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ކަރުދާސްކޮޅު ފެނިފަވާ ކަމަށް އެ އިދާރައިން ބުންޏެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމުގައިވެސް އެ އިދާރާއިން ހާމަކުރިއެވެ.









