ރާއްޖޭގެ ބޭންކިން ދާއިރާގެ މެނޭޖްމަންޓް އަދި އިސް މަގާމުތަކުގައި ތިބި ދިވެހިންގެ ނިސްބަތް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 80 އިންސައްތައަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
މުނައްވަރު މިހެން ވިދާޅުވީ މޯލްޑިވްސް ޕްރިމިއަ ބޭންކް (އެމްޕީބީ) ރަސްމީކޮށް އިފްތިތާހު ކުރުމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުނައްވަރު ވިދާޅުވީ، މިހާރު ރާއްޖޭގެ ބޭންކިން ދާއިރާގެ އިސް މަގާމުތަކުގެ ގާތްގަނޑަކަށް 40 އިންސައްތައަކީ ބިދޭސީން ކަމަށެވެ. އަދި އެމްއެމްއޭގެ ތަސައްވުރަކީ މި އަދަދު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 20 އިންސައްތަ ނުވަތަ އެއަށްވުރެ ދަށަށް ގެންގޮސް، އިސް މަގާމުތަކުގެ 80 އިންސައްތައަށް ވުރެ ބޮޑު ބައެއްގައި ދިވެހިން ތިބޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ. މީގެ އިތުރުން، މި ލަނޑުދަނޑި ހާސިލުކުރެވޭނީ ދިވެހި ޒުވާނުންނަށް މާލީ ދާއިރާއިން ކުރިއަށް ގޮސް އިސް ސަފަށް ނުކުމެވޭނެ ފަދަ މާހައުލެއް ބިނާކޮށްދީގެން ކަމުގައިވެސް މުނައްވަރު ފާހަގަކުރެއްވި އެވެ.
ފަންނީ ގޮތުން މީހުން ބިނާކުރުމަށްޓަކައި އެމްއެމްއޭއިން ދާދިފަހުން އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކާސް (އޭއައިސީބީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ހާމަކުރައްވަމުން، އަންނަ އަހަރު "ހިއުމަން ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑު" އެއް ތައާރަފު ކުރުމަށް ނިންމާފައިވާ ކަމަށްވެސް މުނައްވަރު ވިދާޅުވި އެވެ. މި ފަންޑަކީ އެމްއެމްއޭ އާއި ބޭންކިން ދާއިރާ ގުޅިގެން ހުނަރުވެރި ދިވެހިން ތަރައްގީކުރުމަށް އެކުލަވާލެވޭ ފަންޑެކެވެ.
މާލީ ދާއިރާގެ ކުރިއެރުމާ ބެހޭގޮތުން ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، ރާއްޖޭގެ ޖީޑީޕީއަށް މާލީ ދާއިރާއިން ކުރާ ހިއްސާ ދެގުނައަށް އިތުރުކުރުމަކީ މައިގަނޑު އެއް އަމާޒު ކަމަށެވެ. އަދި ރާއްޖޭގެ ބޭންކިން ދާއިރާއަކީ ފައިދާ ބޮޑު ދާއިރާއެއްކަން ފާހަގަކުރައްވައި، ނިމިދިޔަ އަހަރު ބޭންކުތަކަށް ޓެކުހުގެ ކުރިން 5.15 ބިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި އިންކަމް ޓެކުހުގެ ގޮތުގައި ބޭންކުތަކުން ދެއްކި 737.38 މިލިއަން ރުފިޔާއަކީ އެ އަހަރު ލިބުނު ޖުމްލަ އިންކަމް ޓެކުހުގެ 14 އިންސައްތަ އެވެ.
މުނައްވަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި އަހަރު އެކަނިވެސް ބޭންކިން ދާއިރާގެ ފައިދާގެ 11 އިންސައްތަ ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، ވޭތުވެދިޔަ 5 އަހަރު މި އަދަދު ވަނީ 200 މިލިއަން ޑޮލަރާ ގާތްކޮށްފަ އެވެ. އެހެންކަމުން، މި ދާއިރާއިން ލިބޭ ފައިދާ ރާއްޖޭގެ އިގްތިސާދުގައި ހިފެހެއްޓުމަށްޓަކައި ދިވެހި ބޭންކުތައް ގިނަކުރުމަށާއި، ދިވެހި އިންވެސްޓަރުން މި ދާއިރާއަށް ނުކުތުމަށް ގަވަރުނަރު ވަނީ ބާރުއަޅުއްވާފަ އެވެ.
މިކަމަށް މަގުފަހިކުރުމަށްޓަކައި ބޭންކިން ގާނޫނަށް އިސްލާހު ގެނައުމާއި އިސްލާމީ މާލީ ނިޒާމުގެ އައު ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް އެމްއެމްއޭއިން ކުރަމުންދާ ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތާ އެއްގޮތަށް ޑިޖިޓަލް ބޭންކިން އަދި ފަސޭހަ ކްރޮސް-ބޯޑާ ޕޭމަންޓް ނިޒާމުތައް ގާއިމުކޮށް، ބައިނަލްއަގުވާމީ މާލީ ނިޒާމާ ރާއްޖެ ގުޅުވައިދިނުމަކީ މުހިންމު ކަމެއް ކަމަށް މުނައްވަރު ފާހަގަކުރެއްވި އެވެ.









