މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއެކު 50 މިލިއަން އެމެރިކާ ޑޮލަރުގެ އެމަޖެންސީ އެސިސްޓެންސް އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ހަސަން ޒަރީރެވެ. އަދި އޭޑީބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓަގްރޭޝަން ޔުނިޓުގެ ރީޖަނަލް ހެޑް ޑރ. ތިއާމް ހީ އެންޖީ އެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ވެވުނު ޕްރޮޖެކްޓް އެގްރީމަންޓުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޝިމާދު އިބްރާހީމެވެ. އަދި އޭޑީބީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވެސް ޑރ. ތިއާމް ހީ އެންޖީ އެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން މައުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ ބާޒާރުގައި ތެލާއި ހަކަތައިގެ އަގުތައް އުފުލެމުންދާ ދަނޑިވަޅުގައި، ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި އެހީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުއްޓުމެއްނެތި ފޯރުކޮށްދިނުމަށާއި، ރައްޔިތުންނަށް ހަކަތައިގެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.









