ޣައްޒާގައި ހިނގަމުންދިޔަ ގަތުލުއަންމާއި ޖަރީމާ ހުއްޓާލުމަށް އިއުލާނުކުރި ފަހުން މަސްތަކެއް ފާއިތުވެގެން ގޮސްފައިވީ ނަމަވެސް، އެ ސަރަހައްދުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތާމަ ތަކަށް ނިމުމެއް ނާދެއެވެ. ފުނޑާލާފައިވާ އިމާރާތްތަކާއި ބިމާހަމަވެފައިވާ އަވަށްތަކުގެ ދަށުން ކޮންމެ ދުވަހަކުވެސް އަންނަނީ ޝަހީދުންގެ ހަށިގަނޑުތައް ފެންނަމުންނެވެ.
ޣައްޒާގެ މިނިސްޓްރީ އޮފް ހެލްތުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ހަނގުރާމަ ހުއްޓާލި ފަހުން އެކަނިވެސް 800 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ވަނީ އިމާރާތްތަކުގެ ކުނިތަކުގެ ދަށުންނާއި މަގުމަތިން ފެނިގެން ކަފުންކުރެވިފައެވެ.
މި ހިތްދަތި ހާދިސާތަކުގެ ސަބަބުން ގާޒާގެ ހޮސްޕިޓަލްތަކާއި ސިވިލް ޑިފެންސް ޓީމުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މެޝިނަރީތަކާއި ވަސީލަތްތައް ނެތުމުގެ ސަބަބުން، ގިނަ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރަންޖެހެނީ އަތުންނެވެ. މީގެ އިތުރުން، ބައެއް ސަރަހައްދުތަކުގައި ސަލާމަތީ ރައްކާތެރިކަން ކަށަވަރުނުވުމާއި، ގޮވާޒާތުގެ ތަކެތި ނުގޮވައި ހުރުމުގެ ސަބަބުން މީހުން ސަލާމަތްކުރާ ފަރާތްތަކަށް އެ ސަރަހައްދުތަކަށް ވަނުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކޮންމެ ދުވަހަކުވެސް އާއިލާތަކުން ތިބެންޖެހެނީ އެމީހުންގެ އާއިލާގެ މެންބަރުންގެ ހަށިގަނޑު ފެންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ.
ސިއްހީ މާހިރުންނާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން އިންޒާރުދޭ ގޮތުގައި، ކުނިތަކުގެ ދަށުގައި ގިނަދުވަސްވެފައިވާ ހަށިގަނޑުތައް ހުރުމުގެ ސަބަބުން ޣައްޒާގައި ބަލިމަޑުކަމެއް ފެތުރުމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
މިހާތަނަށް 1 ލައްކައެއްހާ މީހުން ޝަހީދުވެފައިވާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަސްލު އަދަދު މިއަށްވުރެވެސް މާ މަތިވާނެއެވެ. ސަބަބަކީ އަދިވެސް ހިސާބުތަކަށް ނުގެނެވި، ވެއްޓިފައިވާ ކޮންކްރީޓްތަކުގެ ދަށުގައި އެތައް ހާސް ބައެއްގެ ހަށިގަނޑު ވަޅުލެވިފައިވާތީއެވެ. ޣައްޒާގެ ފަސްގަނޑުން މިއަދުވެސް ފެންނަމުންދަނީ ހަނގުރާމައިގެ ހަގީގީ ހިތްދަތި ނަތީޖާއެވެ.









