ތުރުކީގެ ބުރުސާ ސިޓީގައި ޒަމާނީ އާކިޓެކްޗާގެ ތަފާތު ބިނާއެއް ކަމަށްވާ "ޞަފާ މިސްކިތް" ބިނާކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދަން ފަށައިފިއެވެ.
މި މިސްކިތް އެންމެ ޚާއްޞަވަނީ ކާރުތަކުގައި ބޭނުންކުރާ ސަންރޫފް ސިސްޓަމާ ވައްތަރު ގޮތަކަށް، އޮޓޮމެޓިކުން ހުޅުވާލެވި އަދި ލެއްޕޭ ގޮތަށް ފަރުމާކޮށްފައިވާ އޭގެ މައިގަނޑު ގުއްބުގެ ސަބަބުންނެވެ. މިއީ މިފަދަ ޓެކްނޮލޮޖީއެއް މިސްކިތެއްގެ ގުއްބުގައި ބޭނުންކޮށްގެން ތުރުކީގައި ބިނާކުރި ދެވަނަ މިސްކިތް ކަމަށްވާއިރު، މިއީ އާދައިގެ އަވަށެއްގެ ކުޑަ މިސްކިތެއްގައި މިފަދަ ނިޒާމެއް ކާމިޔާބުކަމާއެކު ދުނިޔޭގައި ހިންގާ ފުރަތަމަ ފަހަރެވެ.
މިސްކިތުގެ މެދުގައި ހުންނަ 120 އަކަމީޓަރުގެ ބޮޑު ގުއްބު ސިސްޓަމް ކޮންޓްރޯލް ކުރަނީ ރިމޯޓް ކޮންޓްރޯލެއްގެ އެހީގައެވެ. މި ފަރުމާގެ ސަބަބުން ހޫނު މޫސުމުގެ ދުވަސްތަކުގައި، އާޓިފިޝަލް އެއާކޮންޑިޝަންތައް ބޭނުންކުރުމުގެ ބަދަލުގައި، ގުއްބު ހުޅުވާލައިގެން ޤުދުރަތީ ވައިގެ އެހީގައި މިސްކިތުގެ އެތެރެ އެއްކޮށް ފިނިކޮށްލެވެއެވެ. މިއީ ހަކަތަ އިގްތިސާދު ކުރުމަށާއި ތިމާވެއްޓާ ރައްޓެހި ގޮތަކަށް މިސްކިތްތައް ބެލެހެއްޓުމަށް ހޯދުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އިންޖިނިއަރުން ފާހަގަކުރެއެވެ.
މި މިސްކިތުގެ ތިރީ ބައިގައި ކުޑަކުދިންނަށް ޚާއްޞަ ތައުލީމީ މަރުކަޒުތަކެއް ވެސް ހަދާފައި ވެއެވެ.









