ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި މަލްޓި-ފަންކްޝަނަލް "ސްމާޓް އައިޑީ ކާޑު" ރަސްމީކޮށް ބޭނުންކުރަން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ފުޅާކުރުމަށާއި، ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މި އައު ސްމާޓް އައިޑީ ކާޑަކީ ހަމައެކަނި އައިޑެންޓިޓީ ކާޑެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް އަދި މާސްޓަރކާޑު އާއި ގުޅިގެން މި ކާޑުގައި ޑެބިޓް ކާޑުގެ ޚިދުމަތް ހިމެނި، ފައިނޭންޝަލް އަދި ބޭންކިންގް ޚިދުމަތްތަކާވެސް މި ކާޑު ގުޅިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ސަރުކާރުގެ "ވަންގަވަރު"، https://one.gov.mv/ ޕްލެޓްފޯމް މެދުވެރިކޮށް ލިބޭ ސަރުކާރުގެ 17 އިދާރާއެއްގެ ޚިދުމަތްތަކާއި، ޞިއްޙީ ޚިދުމަތްތަކާއި، ސޯޝަލް ސެކިއުރިޓީގެ ޚިދުމަތްތައްވެސް މި ކާޑުގެ އެހީގައި ފަސޭހަކަމާއެކު ޑިޖިޓަލްކޮށް ހޯދޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު، ރާއްޖޭގެ އުމުރުން 10 އަހަރުން މަތީގެ އާބާދީގެ 80 އިންސައްތަ (ގާތްގަނޑަކަށް 272,000 މީހުން) މިހާރުވެސް ވަނީ ޑިޖިޓަލް އައިޑީ ނިޒާމުގައި ރަޖިސްޓްރީ ކުރެވިފައެވެ. ސަރުކާރުގެ އަމާޒަކީ މި ނިޒާމުގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ޚިދުމަތްތައް ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ޚަރަދުތައް ކުޑަވެގެންދިއުމެވެ. މި ނިޒާމު ރައްކާތެރިކަމާއެކު ހިންގުމަށްޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމުގެ ގޮތުން "ޑިޖިޓަލް އައިޑެންޓިޓީ ބިލް" އަދި "ސައިބަރ ސެކިއުރިޓީ ބިލް" މިހާރު މަޖިލީހަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މީގެ ބޭނުމަކީ ރައްޔިތުންގެ ޒާތީ މަޢޫލޫމާތުތައް ސައިބަރ ޙަމަލާތަކުން ރައްކާތެރިކުރުން ކަމަށެވެ. ސަރުކާރުގެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތައަކީ ޑިޖިޓަލް އިޤްތިޞާދުގެ ޙިއްޞާ ކަމުގައި ހެދުން ކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.








