ކީރިތި ޤުރުއާން ކިޔަވަން ލޯބި ޖެއްސުމާއި ފެންވަރު ރަނގަޅު ޤާރީން ބިނާކުރުމަށް މަގު ފަހިކުރުމަށްޓަކައި، ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިޝާ ނަމާދަށް ފަހު ސަލްމާން މިސްކިތުގައި ދިގު ރާގަށް ޤުރުއާން ކިޔަވާ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވީ މިކަން ކުރިއަށް ގެންދާނީ ޤައުމީ ދުވަހާއި ގުޅިގެން އަންނަ ހަފްތާގެ ބަންދށް ފަހު އަންނަ ފުރަތަމަ ހުކުރު ދުވަހުގެ ރޭ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކުޅަދާނަ ޒުވާން މޮޅު ޤާރީން މި ތިލާވަތު މަހެފިލްގައި ފެނިގެންދާނެ ކަމަށެވެ.
ޤުރުއާނަށް ލީބި ޖެއްސުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު އިފްތިތާޙުކޮށް، ޢުމްރާއަށް ފޮނުވާ ފުރަތަމަ ޙާފިޒަށް އެކަމުގެ ލިޔުން އަރުވާފައެވެ.
މި މަޝްރޫޢުގެ ދަށުން ޢުމްރާ ދަތުރުގެ ފުރަތަމަ ފުރުސަތު އަރުވާފައިވަނީ އަލްޙާފިޡް ޢަލީ ރަޢީފުއަށެވެ.









