ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެ ވަޑައިގެންފައިވާ ވައުދުގެ ދަށުން، އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.25 ބިލިޔަން ރުފިޔާ ދޫކޮށްފިއެވެ. މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކައުންސިލްތަކުގެ ހިންގުމާއި ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ދޫކުރުމުގައި ސަރުކާރުން ދަނީ ހަރުދަނާ އުސޫލުތަކެއް ހިފަހައްޓަމުންނެވެ. މި ފައިސާ އަކީ ރަށްރަށުގެ މުނިސިޕަލް ޚިދުމަތްތަކާއި އިޖުތިމާޢީ ތަރައްޤީއަށް ސީދާ ގޮތުން ހޭދަކުރުމަށް ކައުންސިލްތަކަށް ފޯރުކޮށްދެވޭ މުހިންމު އެހީއެކެވެ.
މިއަހަރަކީ، ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލުތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކޮށްފައިވާ އަހަރެވެ. މި އަހަރުގެ ބަޖެޓުގައި ކައުންސިލުތަކުގެ ގްރާންޓުގެ ގޮތުގައި ޖުމްލަ 2.47 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އޭގެ އިތުރަށް 8 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި އޭގެ ކުރީ އަހަރުވެސް ކައުންސިލުތަކަށް 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ބްލޮކް ގްރާންޓް ފުރިހަމައަށް ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ އިޢުލާން ކުރެއްވީ 2 ނޮވެމްބަރު 2024 ގައެވެ. އެދުވަހު ބޭއްވުނު ޕެޓް ކެއާ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަޖެޓުން ފާސްވާ 5 އިންސައްތަ ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ހަމައަށް ލިބޭނެކަން ސަރުކާރުން ކަށަވަރު ކުރާނެ ކަމަށެވެ. މި ނިންމެވުމާއެކު، ކުރީގެ ސަރުކާރުތަކުން ފުރިހަމައަށް ތަންފީޛު ނުކޮށް އޮތް ލާމަރުކަޒީ ޤާނޫނުގެ މާއްދާތަކަށް އަމަލުކުރަން ފެށުނެވެ.
ރައީސް ގެންގުޅުއްވާ މުހިންމު ސިޔާސަތުގެ ތެރެއިން ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ފަޅުރަށްރަށާއި، ލޯކަލް ޓޫރިޒަމް ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ލިބޭނެ މަގުވެސް ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ. މިއީ މަރުކަޒީ ސަރުކާރަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކައުންސިލްތަކަށް ލިބުނު ބޮޑު ބާރެކެވެ.
މާލީ ވުޒާރާއިން ހާމަކުރާ ގޮތުގައި، މިހާރު ދޫކުރެވެމުންދާ ބްލޮކް ގްރާންޓުގެ ސަބަބުން ރަށްރަށުގައި ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތަކެއް އަލުން ފެށި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ވަނީ މަތިވެފައެވެ. އަދި ބްލޮކް ގްރާންޓް ދޫކުރުމުގެ މާލީ ފޯމިއުލާއަށް ބަދަލުތަކެއް ގެނެސް، އާބާދީގެ އިތުރުން ރަށުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރުމުގެ އާ ސިޔާސަތެއްވެސް ސަރުކާރުން އެކުލަވާލަމުންދާކަން ރަސްމީ އިދާރާތަކުން ފާހަގަކުރެއެވެ. މިއީ ދެފުށް ފެންނަ، އަދި ހުރިހާ ރަށަކަށްވެސް އިންސާފުވެރިކަމާއެކު ތަރައްޤީގެ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ.









