ސަރުކާރުގެ ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން ކަމަށާއި، އެކަމުގެ އަސްލު ސަބަބުތަކަށް އަމާޒުކޮށްގެން މަސައްކަތްތައް ބައްޓަންކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ގައުމީ މަސައްކަތްތަކަށް އަލިއަޅުވާލައި، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ މި އެޕިސޯޑްގައި، "ދަ ޕްރެސް" ނޫހުގެ ފަރާތުން ދެންނެވި ސުވާލުތަކަށް އެމަނިކުފާނު ވަނީ ތަފްސީލީ ޖަވާބުތަކެއް ދެއްވާފައެވެ.
ރައްޔިތުންގެ ވިންދާ ގުޅޭ މުހިންމު ދާއިރާތަކާމެދު ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު ހާމަކުރެއްވި މި ޕޮޑްކާސްޓްގައި، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަރީފާއި ނޫސްވެރިންގެ އިތުރުން އާންމު ރައްޔިތުން ފާޅުކުރި ބައެއް ޝުއޫރުތަކަށް ވެސް ރައީސް ޖަވާބުދާރީވެވަޑައިގަތެވެ.
ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުން ގެންގުޅޭ މައިގަނޑު މަފްހޫމަކީ، މި ވަބާގައި ޖެހިފައިވާ ޒުވާނުން އެކަމުން ސަލާމަތްކޮށް، މުޖުތަމައަށް ބޭނުންހިފޭ، އަބުރުވެރި ބަޔަކަށް އެކުދިން ހެދުން ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރެވޭނީ "ރޫޓްކޯޒް" ނުވަތަ އަސްލު ސަބަބުތައް ދެނެގަނެވިގެންކަން ފާހަގަކުރައްވައި، ގޯތިގެދޮރުގެ މައްސަލައާއި ތަރައްގީގެ ސިޔާސަތުތަކުގައި ހުރި ގޮންޖެހުންތަކަކީ ވެސް މިކަމާ ގުޅިފައިވާ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވަށާޖެހޭ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ގެދޮރުވެރިކަން ފަހިކުރުމާއި، ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ހޯދޭނެ މަގުތައް ޒުވާނުންނަށް ތަނަވަސްކޮށްދިނުން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އަންހެނުން ބާރުވެރިކުރުވުމާއި، ދުޅަހެޔޮ ސިއްހީ ނިޒާމަކާއި ފެންވަރު ރަނގަޅު ތައުލީމީ ފުރުސަތުތަކަކީ ވެސް ޒުވާނުން ކުށްކުރުމުގެ މާހައުލުން ދުރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކުށްކުރާ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި އުތުރުތިލަފަޅުން ވަކި ސަރަހައްދެއް ކަނޑައަޅައި، އެންމެ ޒަމާނީ ފެންވަރުގެ ރިހެބިލިޓޭޝަން މަޝްރޫއެއް ހިންގުމަށް ނިންމާފައިވާކަން ވެސް ރައީސް މި ޕޮޑްކާސްޓްގައި އިއުލާނުކުރެއްވިއެވެ. މި މަޝްރޫއުގެ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށާއި، މާލަސްތަކެއްނުވެ އަމަލީ މަސައްކަތް ފެށި، މި ދައުރުގެ ތެރޭގައި އޭގެ ނަތީޖާ ފެންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.









