އއ. ފެރިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ބޮޑު ބައެއް މިހާރު ނިންމާލައިފިއެވެ.
އެ މަސައްކަތް ހަވާލު ކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސި) އިން ބުނީ ބޮލާރޑް ހަރުކުރުމަށް ބޭނުންވާ ކޮނުމުގެ މަސައްކަތްތަކާއި ޓައި ރޮޑްތައް ހަރުކުރުމުގެ މަސައްކަތް ވެސް ބާރުސްޕީޑުގައި ކުރިއަށް އެބަ ދާކަމަށެވެ.

47.04 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އެއްގަމުތޮށި ބިނާކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 23,579 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ބަނދަރު ފުންކުރުމާއި 403 މީޓަރުގެ ރިވެޓްމެންޓް ޖެހުން، އަދި 2,481 އަކަމީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ބޭރުމަތީ މަގު ހެދުން ފަދަ މަސައްކަތްތަކެވެ.
މި މަޝްރޫޢުގެ ސަބަބުން ފެރިދޫގެ އިޤްތިޞާދަށާއި، ލޯކަލް ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.









