ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ހާއްސަ މަޝްރޫއުގެ އަމަލީ މަސައްކަތްތައް އަންނަ މަހުގެ ތެރޭގައި ފެށުމަށް ފުރިހަމައަށް ތައްޔާރުވެއްޖެ ކަމަށާއި މީގެ ތެރޭގައި ހިމެނޭ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ރާއްޖޭގެ 13 ރަށެއްގައި ހިންގާ ބޮޑު ހައުސިން މަޝްރޫއަކީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ތަކުލީފަށް ނިމުން ގެނެސްދޭނެ، އަދި މި ސަރުކާރުގެ މި ހިނގާ ދައުރުގެ ތެރޭގައި މުޅިން ނިމި، ހަގީގަތަކަށް ވެގެންދާނެ މަޝްރޫއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އަންނަ ޖުލައި މަހުގެ ތެރޭގައި ގާތްގަނޑަކަށް މި ހުރިހާ ރަށެއްގައި ހައުސިން ޔުނިޓްތަކުގެ ފައުންޑޭޝަން އެޅުމުގެ ކޮންކްރީޓް މަސައްކަތްތައް ރައްޔިތުންނަށް ފެންނަން ފަށާނެ ކަމަށެވެ. މި މަޝްރޫއަށް ބޭނުންވާ އެޑްވާންސް ޕޭމަންޓް ވެސް މިހާރު ވަނީ ކޮންޓްރެކްޓަރުންނަށް ހަމަޖައްސައިދީފައެވެ. ރައީސް ވިދާޅުވި ގޮތުގައި، ކަރުދާހުގައި ހުންނަ ކުރެހުންތަކުން ނިމުމުގެ ބަދަލުގައި، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މި ދައުރުގެ ތެރޭގައި ގޭގެއަށް ވަދެވޭވަރަށް މަސައްކަތް ނިންމައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ.
މި ހަލުވި ބާރުމިނާއެކު އަމަލީ މަސައްކަތް ފެށިގެންދާއިރު، މިއީ ރައްޔިތުންނަށް ލިބިގެންދާނެ ނުހަނު ބޮޑު އުފަލެކެވެ. އަދި ސަރުކާރުން ބަހާއި އަމަލާ ދިމާކޮށް، ތަރައްގީގެ ކަންކަން ހަގީގީ މައިދާނުގައި ސާބިތުކޮށްދެމުންދާތީ، އިދިކޮޅު ފަރާތްތަކަށް މި ކަންކަން ހަޖަމު ނުކުރެވޭކަން ފާހަގަ ކުރެވެއެވެ.








