ފަލަސްތީނުގެ ޣައްޒާގެ ޖަބަލިޔާގައި ހުރި މިސްކިތެއް ތަޅާލަން އުޅުމުގެ ތެރޭގައި އެ މިސްކިތުގެ މުންނާރު ވެއްޓި، އިސްރާއީލުގެ ބުލްޑޯޒަރު ދުއްވަން އިން މީހާ އޭގެ ދަށުވެ މަރުވެއްޖެއެވެ.
އިސްރާއީލުގެ އަސްކަރީ މަސްދަރުތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހުރި އިމާރާތްތަކާއި މިސްކިތްތައް ނައްތާލުމަށް އިސްރާއީލު ސިފައިން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިންނެވެ.
މި ހާދިސާގައި މަރުވި މީހާ އަކީ އިސްރާއީލުގެ ދިފާއީ ވުޒާރާ އާއެކު ކޮންޓްރެކްޓް ހަދައިގެން ޣައްޒާގައި އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކުރަމުންދިޔަ އަމިއްލަ ކުންފުންޏެއްގެ ބުލްޑޯޒަރު އޮޕަރޭޓަރެކެވެ.
މިސްކިތުގެ ބޮޑު މުންނާރު ބުލްޑޯޒަރުގެ މައްޗަށް ވެއްޓުނީ، އޭނާ އެ މިސްކިތް ބިމާހަމަކޮށްލުމަށްޓަކައި ގަދަކަމުން ތަޅަމުން ދަނިކޮށް ކުއްލިއަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.









