ސިފައިންގެ ހިދުމަތަށް އަލަށް ގުޅުނު ޒުވާނުންނަށް އަމާޒުކޮށްގެން ހިންގި 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން 137 ދަރިވަރުން ދަސްވެނިވެއްޖެއެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކުދިންނަށް މަރުހަބާ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، އަދި ރޫހާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ "ދިވެހި ވަތަނީ ޚިދުމަތް" ނުވަތަ ނޭޝަނަލް ސާވިސްގެ މުހިންމު ފެށުމެއް ކަމަށެވެ.
މި ތަމްރީނު ކޯހުގައި ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެފައިވެއެވެ. މިއީ ސަރުކާރުން އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުސަތުގެ ތެރެއިން، ސިފައިންގެ ހިދުމަތް އިހުތިޔާރުކުރި ޒުވާނުންނަށް ހިންގުނު ހާއްސަ ތަމްރީނެކެވެ.
ރައީސްގެ މެސެޖުގައި، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ ޒުވާން ޖީލެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކޯހުން އެކި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް ހާއްސަ މަރުހަބާއެއް ވިދާޅުވިއެވެ. އަދި ގައުމީ ހިދުމަތުގެ މި މަތިވެރި މަގު އިހުތިޔާރުކުރި ހުރިހާ ޒުވާނުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައިވެއެވެ.
މި ސަރުކާރުން އަމާޒު ހިފާފައިވަނީ ގައުމީ ހިދުމަތުގެ ތެރެއިން ޒުވާނުންނަށް ބޭނުންވާ ތަމްރީނާއި ހުނަރު އުނގަންނައިދީ، ގައުމަށް ބޭނުންތެރި، އަހުލާގު ރަނގަޅު ބަޔަކަށް ޒުވާނުން ހެދުމަށެވެ. މިއަދު ދަސްވެނިވި 137 ސިފައިންނަކީ މި މަގްސަދު ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.









