ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ނަން-ވިޒިބަލް ޑިސްއެބިލިޓީސް ނުވަތަ ފެންނަން ނުހުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން "ކާމް ރޫމް" އެއް މިއަދު ހުޅުވައިފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށްގެންދާ "ބޮލި" އިނިޝިއޭޓިވްގެ ދަށުން ގާއިމްކުރި މި ރޫމް ހުޅުއްވައިދެއްވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް 1 ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިބްރާހިމް ޝަރީފް ވިދާޅުވީ، ވީއައިއޭ އަކީ ކޮންމެ ފަސިންޖަރަކަށް ވެސް ހަމަހަމަކަމާއެކު އިތުބާރު ހުރި ދުނިޔޭގެ ފެންވަރުގެ ހިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަކީ އެމްއޭސީއެލްގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި މިއަދު ހުޅުވުނު ކާމް ރޫމަކީ އެއާޕޯޓުގެ އިންކްލޫސިވް ޚިދުމަތުގެ ދަތުރުގައި ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއަކީ ވީއައިއޭ މެދުވެރިކޮށް ދަތުރުކުރާ ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް، އެމީހުންގެ ދަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދީ، އަޅާލުމާއި އިހުތިރާމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް އެޅިގެން ދިޔަ ވަރަށް މުހިއްމު ފިޔަވަޅެކެވެ.
ކާމް ރޫމް ގާއިމުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، މުވައްޒަފުން ތަމްރީނުކުރުމުގައި އޯޓިޒަމް ކެއާ މޯލްޑިވްސްއާއި އޯޓިޒަމް އެސޯސިއޭޝަނުން ވެދެއްވި އެހީތެރިކަމަށްޓަކައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އެމްއޭސީއެލްގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި މި ހިދުމަތް ވީއައިއޭގެ ޓާމިނަލް 2 އާއި ސީޕްލޭން ޓާމިނަލަށްވެސް ފުޅާކުރުމެވެ. މިއީ އެއްވެސް ފަސިންޖަރަކު ބާކީނުކޮށް، އެންމެންނަށް އަޅާލާ މާހައުލެއް އެއާޕޯޓުގައި ގާއިމުކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އެ ކުންފުނިން ބުނެއެވެ.









