އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (ޔުނައިޓެޑް ނޭޝަންސް) ގެ މެންބަރަކަށް ރާއްޖެވިތާ 60 އަހަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް، އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ ކައުންސިލް (ECOSOC) ގެ ގޮނޑިއެއް ރާއްޖެއިން ކާމިޔާބުކޮށްފިއެވެ. 2027 އިން 2029 އަށް އޮންނަ މި ދައުރަށް ރާއްޖެ އިންތިހާބުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއީ ގައުމަށް ލިބުނު ފަހުރުވެރި، ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ބައިނަލްއަގްވާމީ މުޖުތަމައުން ރާއްޖެއަށް ކުރާ އިތުބާރާއި، ބައިނަލްއަގްވާމީ ކަންކަމުގައި ރާއްޖެއިން ބާއްވާ ބިނާކުރުވަނިވި ގުޅުންތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. މިއީ ރާއްޖެ އދ. ގެ މެންބަރަކަށް ވީތާ 60 އަހަރުވީއިރު، އީކޯސޮކްގެ ގޮނޑިއަކަށް ރާއްޖެ އިންތިހާބުވި ފުރަތަމަ ފަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާއި އިގްތިސާދީ ގޮންޖެހުންތަކުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީއަށް ހުރި ހުރަސްތައް ރާއްޖެއަށް ވަރަށް ގާތުން ތަޖުރިބާކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އީކޯސޮކްގައި ރާއްޖެއަށް ލިބުނު މި ގޮނޑިއަކީ ކުދި ޖަޒީރާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިސްތިރާޖީ ބޭނުންތަކާއި އުންމީދުތަކަށް ވަކާލާތު ކުރުމަށް ލިބޭ ވަރުގަދަ މަންސައެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖެއިން ބައިނަލްއަގްވާމީ ބައިވެރިންނާއެކު ގުޅިގެން މަސައްކަތް ކުރާނީ، ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުން އަވަސްކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އީކޯސޮކް މެދުވެރިކޮށް އިންސާފުވެރި މާލީ ނިޒާމެއް ގާއިމުކުރުމަށާއި، ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރުދަނާ ނަތީޖާތަކެއް ނެރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
އދ. ގެ އެންމެ މުހިންމު އެއް ގުނަވަން ކަމަށްވާ އިގްތިސާދީ އަދި އިޖުތިމާއީ ކައުންސިލުން ރާއްޖެއަށް ޖާގަ ލިބުމަކީ، ދުނިޔޭގެ ފެންވަރުގައި ނިންމާ މުހިންމު ނިންމުންތަކުގައި ރާއްޖޭގެ ދައުރު ބޮޑުވެ، ގައުމުގެ ތަރައްގީއަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.









