އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ހޮޓަލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 21 މީހުން މަރުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 18 މީހަކު ހިމެނެއެވެ. މިއީ ފަހުގެ ތާރީޚެއްގައި އެ ސިޓީގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހު ނިއުދިއްލީގެ ދެކުނުގައި އޮންނަ މާލްވިޔާ ނަގަރުގެ އިމާރާތެއްގައެވެ. މި އިމާރާތުގެ ތިރީ ފަންގިފިލާގައި ރެސްޓޯރެންޓެއް ހުންނައިރު، މަތީ ފަންގިފިލާތައް ބޭނުންކުރަމުން ދިޔައީ ހޮޓަލެއްގެ ގޮތުގައެވެ. މަރުވި މީހުންގެ ތެރޭގައި ބަންގްލަދޭޝް، ނައިޖީރިއާ، މޮޒަމްބީކް އަދި ލައިބީރިއާގެ ރައްޔިތުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ތިބި މީހުންނެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަޔަރ ފައިޓަރުންގެ އަށް އުޅަނދު ބޭނުންކޮށްފައިވާއިރު، 40 އަށްވުރެ ގިނަ މީހުން ވަނީ ސަލާމަތްކޮށްގެން ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އިމާރާތުގެ ތެރޭގައި ދުމާއި އަލިފާން ފެތުރިފައި ވަނިކޮށް، ސަލާމަތްވުމަށްޓަކައި ބައެއް މީހުން ވަނީ މަތީ ފަންގިފިލާތަކުން ތިރިއަށް ފުންމާލާފައެވެ. މި ހާދިސާގައި އެ ސަރަހައްދުގެ އާންމު ރައްޔިތުންވެސް ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ބައިވެރިވެފައެވެ.
އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ކަށަވަރު ނުވި ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި އަލިފާން ރޯވީ އިމާރާތުގެ ތިރީގައި ހުރި ރެސްޓޯރެންޓުންނެވެ. އިންޑިއާގެ އިމާރާތްތަކުގައި ސަލާމަތީ މިންގަނޑުތަކަށް ފަރުވާކުޑަކުރުމުގެ ސަބަބުން މިފަދަ ހާދިސާތައް ހިނގުން އާންމެވެ.
މި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. ދިއްލީ ފުލުހުން ބުނެފައިވަނީ އަނިޔާވި މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރިހާ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.









