މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ދުއާ ލިޕާ އާއި އެކްޓަރު ކެލަމް ޓާނާ އިނގިރޭސިވިލާތުގެ ލަންޑަނުގައި ކައިވެނިކޮށްފި އެވެ.
ރި÷ޯޓުތަކުން ބުނިފައިވާ ގޮތުގައި، މި ދެތަރިންގެ ކައިވެނީގެ ހަފުލާ ބާއްވާފައިވަނީ ލަންޑަނުގެ "އޯލްޑް މޭރިލްބޯން ޓައުން ހޯލް" ގައެވެ. އާއިލާ އާއި ގާތް ރައްޓެހިންގެ މަދު ބަޔަކާއެކު ބޭއްވި މި ހަފުލާއަށް ފަހު، އެ ދެމަފިރިން އެތަނުން ނުކުންނަ މަންޒަރު ފެންނަ ފޮޓޯތައް ވެސް މިހާރު ވަނީ އާންމުވެފައި އެވެ.
އުމުރުން 30 އަހަރުގެ ދުއާ ލިޕާ މި ކައިވެނީގެ ރަސްމިއްޔާތަށް ލައިގެން ހުރީ "ޝިއަޕަރެއްލީ" ސްޓޫޑިއޯ އިން ފަރުމާކޮށްފައިވާ ހުދުކުލައިގެ ހެދުމަކާއި ތޮއްޕެކެވެ. އަދި އުމުރުން 36 އަހަރުގެ ކެލަމް ޓާނާ ހުރީ ގަދަ ނޫކުލައިގެ ސޫޓެކެވެ.
އެގޮތުން،ކައިވެނީގެ ރަސްމިއްޔާތަށް ފަހު، ކުރިއަށް އޮތް ހަފުތާ ބަންދުގައި އިޓަލީގެ ސިސިލީގައި ކުލަގަދަ ތިން ދުވަހުގެ ބޮޑު ޕާޓީއެއް ބޭއްވުމަށް މިހާރު އެ ދެމަފިރިން އަންނަނީ ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތަކުން ބުނެ އެވެ.
ދުއާ އާއި ޓާނާ ލޯބީގެ ގޮތުން ގުޅިފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. މި ދެ ތަރިން ކައިވެނިކުރަން އުޅޭކަމުގެ އިޝާރާތެއް މިދިޔަ އަހަރު "ބްރިޓިޝް ވޯގް" އަށް ދިން އިންޓަވިއުއެއްގައި ވެސް ވަނީ ދީފަ އެވެ.
ކޮސޯވޯގެ ހިޖުރަވެރިންގެ އާއިލާއަކަށް އުފަން ދުއާ ލިޕާ އަކީ، 2016 ވަނަ އަހަރު ނެރުނު "ބީ ދަ ވަން" ސިންގަލް އަށް ފަހު އިނގިރޭސިވިލާތުގެ އެންމެ މަގުބޫލު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. ކެލަމް ޓާނާ ބޮޑަށް މަޝްހޫރުވެފައިވަނީ ހެރީ ޕޮޓާގެ ސްޕިން އޮފް ފިލްމު ސީރީޒް "ފެންޓާސްޓިކް ބީސްޓްސް" އިންނެވެ. އަދި އޭނާއަކީ ދެން އެންމެ އަވަހަށް "ޖޭމްސް ބޮންޑް" ގެ ރޯލުން ފެނިގެންދާނެ ތަރި ކަމަށް ވެސް ގިނަ ބަޔަކު މިހާރު އަންނަނީ ބުނަމުންނެވެ.









