ދިވެހިރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ އާއި ތަހުނިޔާ ފޮނުއްވައިފި އެވެ.

މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްކައުޓް ހަރަކާތަކީ ރައްޔިތުންގެ އިތުބާރާއި އިހްތިރާމް ލިބިފައިވާ، މުޅި ގައުމު ފަހުރުވެރިވާ ފަދަ މުހިންމު ހިދުމަތެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި އޮތް އެންމެ ޒަމާންވީ، އަދި މުޅި ރާއްޖެއަށް އެންމެ ފުޅާކޮށް ފެތުރިފައިވާ އެންމެ ބޮޑު ވޮލަންޓްރީ ނުވަތަ ހިލޭސާބަހަށް މަސައްކަތްކުރާ ހަރަކާތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސްގެ މެސެޖުގައި، ރާއްޖޭގައި ސްކައުޓް ހިދުމަތް ފެށްޓެވުމުގައި އިސްނެންގެވި ލީޑަރުންނަށާއި، ވޭތުވެދިޔަ 70 އަހަރުގެ ތެރޭގައި މި ހަރަކާތް ދެމެހެއްޓުމުގައި ބައިވެރިވި ހުރިހާ ސްކައުޓުންނަށް ވަނީ މަރްހްބާއާއި ޝުކުރު އަދާކުރައްވާފައެވެ. ހާއްސަކޮށް ގައުމު ގޮވައިލި ކޮންމެ ވަގުތަކު ސްކައުޓުންވީ ގުރުބާނީއާއި، އެއްވެސް އުޖޫރައެއް ނެތި ދަރުމައަށް ކޮށްދެމުންދާ ހިދުމަތްތަކުގެ އަގު ވަޒަންކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދިވެހީންނަށް މުހިންމު އެތައް ހުނަރަކާއި ރީތި އާދަތަކެއް ސްކައުޓް ހަރަކާތުން ވަނީ އުނގަންނައިދީފައި. ހަރުދަނާ ދަރިންތަކެއް ގައުމަށް ވަނީ ބިނާކޮށްދީފައި. ރާއްޖޭގެ ރަށްތަކުގެ ގުޅުން ބަދަހިކޮށްދިނުމުގެ އިތުރުން ދުނިޔޭގެ ޤައުމުތަކާ ރާއްޖެއާ އޮތް ގުޅުން ވަރުގަދަކޮށްދޭ ބާރަކަށް ވެސް ސްކައުޓް ވަނީ ވެފައި،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެ ހޯދަމުންދާ ކުރިއެރުންތަކާއި ތަރައްގީއާއެކު، ކުރިމަގުގައި ސްކައުޓް ހަރަކާތް އިތުރަށް ފުޅާކޮށް، ސްކައުޓުންގެ އަދަދު އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ގައުމީ ހިދުމަތުގައި ސްކައުޓުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑުކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ ދިވެހި ސްކައުޓް ހަރަކާތަށް ފާގަތިކަމާއި ކާމިޔާބަށް އެދިވަޑައިގަންނަވަމުން، "ކުރިއަށް ދިވެހި ގައުމު! ކުރިއަށް ދިވެހި ސްކައުޓުން!" މި ޝިއާރާއެކުގަ އެވެ.