ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު މަހުލޫފް، ޖަޕާނުގެ ފުޓުބޯޅަ އެސޯސިއޭޝަން (ޖޭ.އެފް.އޭ) ގެ ރައީސް ސުނެޔާސޫ މިޔަމޯޓޯއާ ބައްދަލުކުރައްވައިފި އެވެ.
ޖަޕާނުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަންކަންވެސް ކުރައްވާފައިވާ މިޔަމޯޓޯއާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ޖަޕާނުގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ. މިގޮތުން ރާއްޖޭގެ ފުޓުބޯޅަ، ފުޓްސަލް އަދި ބީޗް ފުޓުބޯޅަ ތަރައްގީކުރުމުގައި ޖޭ.އެފް.އޭ އަށް ވެދެވިދާނެ އެހީތެރިކަމުގެ އިތުރުން، ދެ ގައުމުގެ އެސޯސިއޭޝަންތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން މަހުލޫފް ވިދާޅުވީ، ޖަޕާނަކީ އަބަދުވެސް ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުން އަންނަ ގައުމެއް ކަމަށާއި، އެ ގައުމުން ލިބޭ އެއްބާރުލުން ނުހަނު އިހްލާސްތެރިކަމާއެކު ބަލައިގަންނަ ކަމަށެވެ.
މީގެ އިތުރުން، 2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ ޖަޕާނުގެ ގައުމީ ޓީމު "ސަމުރާއީ ބްލޫ" އަށާއި ޖަޕާނަށް މަހުލޫފް ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.
މި ބައްދަލުވުމަކީ ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމުގެ ތެރެއިން، ކުޅިވަރުގެ ދާއިރާއިން ދިވެހި ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.








