މީސްމީހުންގެ އަބުރަށް އަރައިގަނެ، ދޮގު ހަބަރު ފަތުރާ މީހުންނަށް ބަތަލެއްގެ ނުވަތަ "ހީރޯ" އެއްގެ ލަގަބު ދިނުމަކީ އިސްލާމްދީނުގެ ނަޒަރުގައި އެއްގޮތަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު ޒަމީރު ވިދާޅުވެއްޖެ އެވެ.

މެންބަރު ޒަމީރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަބުރުފުޅަށް އަރައިގަތް ކަމުގެ ތުހުމަތުގައި ހައްޔަރުކުރި "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އާއި ޝަހުޒާން މިނިވަންވުމުން، އެކަމުގެ އުފަލުގައި ކޭކު ފަޅައި، އެމީހުންނަކީ ބަތަލުންގެ ގޮތުގައި ސިފަކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅޭގޮތުން މެންބަރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި އިސްލާމްދީން ބާރުއަޅަނީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، މީހުންގެ އަބުރު ރައްކާތެރިކުރުމަށެވެ. މުސްލިމެއްގެ އަބުރަކީ ކޮންމެހެން ހިމާޔަތްކުރަންޖެހޭ މުގައްދަސް އެއްޗެއްކަން ފާހަގަކުރައްވައި، ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅެއް މެންބަރު ވަނީ ހަނދާންކޮށްދެއްވާފައެވެ. އެކަލޭގެފާނު ހަދީޘްކުރައްވާފައިވަނީ ކޮންމެ މުސްލިމެއްގެ ލެޔާއި، މުދަލާއި، އަބުރަކީ އަނެއް މުސްލިމެއްގެ މައްޗަށް ހަރާމްވެގެންވާ އެއްޗެއް ކަމަށެވެ.

ދޮގު ހަބަރު ފެތުރުމުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޒަމީރު ވިދާޅުވީ، ދޮގު ހެދުމާއި ދޮގު ހަބަރު ފެތުރުމަކީ އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެއް ކަމަށެވެ. މިފަދަ އަމަލުތަކުގެ ސަބަބުން މުޖުތަމައުގައި ފިތުނަ އުފެދި، މީހުންގެ މެދުގައި އޮންނަންޖެހޭ އިތުބާރާއި ލޯބި ގެއްލިގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ނުބައި އަމަލުތައް ކުރާ މީހުންނަށް ބަތަލެއްގެ ލަގަބު ދިނުމަކީ ނުބައިކަމަށް ހިތްވަރުދިނުން ކަމަށާއި، މިއީ މުންކަރާތްތަކަށް ވާގިވެރިވުމުގެ ތެރެއިން ހިމެނޭ ފާފައެއް ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ. ކުށްވެރިން މުޖުތަމައުގައި މަތިވެރި ކުރުމަކީ އިލާހީ ކޯފާ ހައްގުވާނެ ކަމެއް ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

"މީހުންގެ އަބުރު ކަނޑައި ދޮގު ފަތުރާ މީހުން ބަތަލުންނަށް ހެދުމުގެ ބަދަލުގައި، އެފަދަ މީހުންގެ ނުބައިކަމުން މުޖުތަމައު ސަލާމަތްކުރަން ޖެހޭ،" މެންބަރު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޖަލުގައި ބަންދުކޮށްފައި ތިބި ޝަހުޒާން އާއި ލީވާން ތިބި ގޮޅިން މޯބައިލް ފޯނެއް ފެނުނު މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މި ދެމީހުންނަކީ ދޮގު ޚަބަރު ފަތުރައިގެން ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅަށް އަރައިގަތް ކަމުގެ ތުހުމަތު ކުރެވޭ ދެމީހުންނެވެ.