އަޟްހާ އީދާ ގުޅުވައިގެން މުޖުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ސަރުކާރުން ބާއްވާ "ޢީދު ހަވީރު 1447" ގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފޯރިގަދަ ހަރަކާތްތަކަކާއެކު ބައިވެރިވުމަށް ނިންމައިފި އެވެ.

މި މަހުގެ 27 އިން 29 އަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ފެސްޓިވަލުގައި އެމްއޭސީއެލްގެ ހާއްސަ ސްޓޯލްތަކާއި ކުޅިވަރުތައް ފެނިގެންދާނެ އެވެ. މި އަހަރުގެ އީދު ހަވީރުގެ އެންމެ ހާއްސަ އެއް ހަރަކާތަކަށް ވެގެންދާނީ، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަނގަޑޭ) ގެ ހުނަރުތައް އެމްއޭސީއެލްގެ ސްޓޯލްގައި ދައްކާލުމެވެ.

ދިވެހިވަންތަ އަދި ސަގާފީ ފަރުމާތަކަށް އިސްކަންދީގެން ތައްޔާރުކުރާ އެމްއޭސީއެލްގެ ސްޓޯލުން ކޯޑީއާއި ބޮޑުބެރާއެކު މާލީގެ ތަފާތު ހަރަކާތްތައް ފެންނާނެ އެވެ. އަދި ކުޑަކުދިންގެ މެދުގައި މަގުބޫލު ކާޓޫން ކެރެކްޓާސްގެ މެސްކޮޓްތައް ވެސް އެކި ދުވަސްތަކުގެ މަތިން މި ސްޓޯލްގައި ހަރަކާތްތެރިވާނެ އެވެ.

އާއިލީ ގުޅުން ބަދަހިކުރުމަށް ފަރުމާކޮށްފައިވާ މި ސްޓޯލްގައި ކުޑަކުދިންނަށް ހާއްސަ ގިނަ ކުޅިވަރުތަކެއް ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ފަނުން ޒީނަތްތެރިކޮށްފައިވާ "ޓްރީހައުސް" (ގަސްމަތީ ގެ) އެއްގެ އިތުރުން ރެކިން ބޯލް، ވައިޕް އައުޓް އިންފްލެޓަބަލް އަދި ބަބުލް ހައުސް ހިމެނެ އެވެ. މީގެ އިތުރުން ހީނާ އާޓާއި ފޭސް ޕެއިންޓިންގ ކުރިއަށްދާނެ ހާއްސަ ކޯނަރތަކެއް ވެސް ހުންނާނެ އެވެ.

އެމްއޭސީއެލްގެ ސްޓޯލް ހުންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގެ އިރުމަތީ އެންޓްރެންސްގަ އެވެ. އެމްއޭސީއެލްގެ ފަރާތުން ވަނީ އަޟްހާ އީދުގެ މި އުފާވެރި ހަރަކާތްތަކުގައި ބައިވެރިވުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ދައުވަތު އަރުވާފަ އެވެ.