މާލެ އަދި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ދެންމެގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މައުލޫމާތު ދީފައިވާ ގޮތުގައި، މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލަ ދެނަގަނެ، ވީ އެންމެ އަވަހަކަށް ހައްލުކޮށް އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނީގެ އިންޖީނިއަރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މިއަދު ކަރަންޓު ކެނޑުނު އިރު، ރޭ މެންދަމުން ފެށިގެން މިއަދު ހެނދުނު 08:00 އާ ހަމައަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން އަޕްގްރޭޑިންގ މަސައްކަތްތަކެއް ސްޓެލްކޯއިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ މަސައްކަތް ސްޓެލްކޯއިން ނިންމާލީ މާލެއާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލަ އެވެ.

ރޭ ދިމާވި ބުރަ މަސައްކަތާ ގުޅޭގޮތުން ސްޓެލްކޯއިން ބުނެފައިވަނީ، ރޭ ފަތިހު 3:00 އިން ފެށިގެން ހެނދުނު 8:00 އާ ހަމައަށް ވަރުބަލިކަމެއް ނެތި ހީވާގިކަމާއެކު މަސައްކަތް ކުރި އެ ކުންފުނީގެ މުވައްޒަފުންނަށާއި ވަރޓްސިލާގެ އިންޖީނިއަރުންނަށް އިހްލާތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަޕްގްރޭޑިން މަސައްކަތުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީހެއް ކަނޑައެޅުމަށްފަހު ކަސްޓަމަރުންނަށް ދުރާލާ އަންގާނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

ނަމަވެސް، މިހާރު ދިމާވެގެން އުޅޭ ކަރަންޓު ކެނޑުމުގެ މައްސަލައަކީ މިއަދު ހެނދުނު ނިންމާލި އަޕްގްރޭޑިން މަސައްކަތާ ގުޅުންހުރި ކަމެއްކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ. ސްޓެލްކޯއިން ދަނީ ކަރަންޓުގެ ހިދުމަތް އިއާދަކުރުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންނެވެ.