ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނު ކާމިޔާބުކުރައްވާނީ 60 އިންސައްތަ ވޯޓާއެކު ކަމަށް އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ސަރުކާރެއްގައި ވިޔަސް އަދި ޕާޓީއެއްގައި ވިޔަސް ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރައްވާ ލީޑަރަކީ ރައީސް މުއިއްޒު ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މި ސަރުކާރަށް ލިބުނީ 30 އިންސައްތަ ވޯޓު ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ޝާހިދު ވަނީ، ވޭތުވެދިޔަ ތަނުގައި ތިއްބެވި ތިން ރައީސުންގެ ތެރެއިން 70 އިންސައްތަ ވޯޓު ހޯއްދެވުނީ ކޮން ބަޔަކަށްތޯ ސުވާލު އުފައްދަވާފައެވެ.

"އެބޭފުޅުން އެ ވިދާޅުވާ ގޮތަށް ދެއަހަރާ ބައި ތެރޭގައި 30 އިންސައްތަ އޮތުމަކީ މައްސަލައެއް ނޫން. ކުރިއަށް އޮތް ދެއަހަރާ ބައިގެ ތެރޭގައި އަނެއް 30 އިންސައްތަ ހޯއްދަވައި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އިންތިހާބު 60 އިންސައްތަ ވޯޓާއެކު ރައީސް މުއިއްޒު ކާމިޔާބުކުރައްވާނެ،" ޝާހިދު ވިދާޅުވިއެވެ.

ސިޔާސީ މައިދާނުގައި އަދަބުވެރިކަން އިސްކުރުމަށް ރައީސް މުއިއްޒު ދެއްވާ އިރުޝާދުތަކަށް އަލިއަޅުވާލައްވަމުން ޝާހިދު ވިދާޅުވީ، އެއްވެސް ބޭފުޅަކަށް އިހާނެތި ބަހެއް ވިދާޅުނުވުމަށް ރައީސް އަބަދުވެސް ނަސޭހަތްތެރިވާ ކަމަށެވެ. ވަކިން ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނަށް ހުތުރު ބަހެއް ނުބުނުމަށް ރައީސް މުއިއްޒު އިރުޝާދު ދެއްވާފައިވާތީ، އެކަމަށްޓަކައި ފަހުރުވެރިވެ ޝުކުރުވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ރައީސް ނަޝީދާއި ރައީސް ސާލިހާ އެކު ހުންނަވައިގެން ރައީސް ޔާމީން މި ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ރައީސް ޔާމީނަކީ ގައުމު ދެކެ ލޯބިވާ، އެމްޑީޕީގެ ވެރިކަންތަކުގައި ހިނގި ނުރަނގަޅު ކަންކަމުގެ ތަފްސީލު ރައްޔިތުންނަށް އެންމެ ބޮޑަށް ހާމަކޮށްދެއްވި ލީޑަރެވެ.

"މި ގައުމުގެ މިނިވަންކަމާއި ދީނާއި އިސްތިގުލާލު ހަލާކުކުރީ އެމްޑީޕީން ކަމަށާއި، އެމީހުންނަށް ދުވަހަކުވެސް މާފު ނުކުރައްވާނެ ކަމަށް ވިދާޅުވީ ރައީސް ޔާމީން. އެހެންކަމުން އެމްޑީޕީއާ ބައިއަތު ހިފައިގެން އެމަނިކުފާނު އެ ވަޑައިގަންނަވަނީ އަމިއްލަ އިހުތިޔާރުގައި ނޫން ކަމަށް ގަބޫލުކުރެވޭ. އެހެން ދިމާލަކަށް ވަޑައިގަންނަވަނިކޮށް އެދިމާލަށް ދެވުނީ ކަމަށް ފެންނަނީ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި މިހާރުގެ ސަރުކާރުގެ ލީޑަޝިޕަށް އޮތް އިތުބާރު ތަކުރާރުކުރައްވައި، ރައީސް މުއިއްޒުގެ ސިޔާސަތުތަކާއެކު ގައުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.