ރާއްޖެ އިން މަސް އެކްސްޕޯޓް ކުރުމުން ނަގާ ޓެރިފް ދެ އަހަރަށް މެދުކަނޑާލަން އިނގިރޭސިވިލާތުން ނިންމުމުން ދިވެހި މަސްވެރިންނަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމަށާއި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ހަރުދަނާވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ “ނޭޝަން ޗެޓް” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިނގިރޭސިވިލާތަކީ ދިވެހި ކަނޑުމަހުގެ މުހިންމު މާކެޓެއް ކަމަށާއި ވިޔަފާރީގެ ހުރަސްތައް ކުޑަކުރުމަކީ ބައިނަލްއަގްވާމީ މާކެޓްތަކުގައި ދިވެހި އުފެއްދުންތައް މާ ފައިދާހުރި ގޮތެއްގައި ވާދަކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މަހުގެ އުފެއްދުންތަކުން ނެގި %20 ޓެރިފް ލުއި ކުރުމަށްޓަކައި އިނގިރޭސި ސަރުކާރާއެކު ފެށުނީއްސުރެ މި ސަރުކާރުން ދިޔައީ މަޝްވަރާތައް ކުރަމުންނެވެ.

ރައީސް ވިދާޅުވީ އިނގިރޭސިވިލާތުގެ ބާޒާރުގައި ދިވެހި ސީފުޑް ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށާއި ޓެރިފް ސަސްޕެންޑް ކުރުމުން ޑިމާންޑް އިތުރުވެ މަސްވެރިންނަށް ލިބޭ އަގުތައް ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ފިޔަވަޅަކީ ދެ ގައުމަށް ވެސް "ވިން-ވިން" އެއް ކަމަށާއި، އޭގެ ސަބަބުން އިނގިރޭސިވިލާތުގެ ކޮންސިއުމަރުންނާއި ދިވެހި ވިޔަފާރިވެރިންނަށް ފައިދާ ކުރާނެ ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ދިވެހި މަސްވެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމުން އިނގިރޭސި ސަރުކާރަށް ޝުކުރު އަދާކުރައްވައި، އެއީ އެ ދާއިރާއަށް ލިބުނު އިގްތިސާދީ ބޮޑު ލުޔެއް ކަމަށް ވިދާޅުވެފައެވެ.