ރެއާލް މެޑްރިޑްގެ އާ ހެޑް ކޯޗުގެ މަގާމަށް، އެ ކުލަބަށް ކުރިންވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯ އައްޔަންކޮށްފިކަން އެ ކުލަބުން މިއަދު ކަށަވަރުކޮށްދީފިއެވެ.
އުމުރުން 63 އަހަރުގެ މޮރީނިއޯ، ރެއާލް މެޑްރިޑާ އަލުން މި ގުޅެނީ މިހާރު އޭނާ ކޯޗުކޮށްދެމުންދާ ޕޯޗުގަލްގެ ބެންފީކާއާއެކު ހޭދަކުރި ދުވަސްތަކަށް ނިމުން ގެނައުމަށްފަހުގައެވެ. އޭނާ ޓީމާ ރަސްމީކޮށް ހަވާލުވާނީ އަންނަ ސީޒަނުން ފެށިގެންނެވެ. މޮރީނިއޯ ވަނީ މީގެ ކުރިން 2010 އިން 2013 އަށް ރެއާލް މެޑްރިޑަށް އިރުޝާދުދީ، ލަލީގާ އާއި ކޮޕާ ޑެލް ރޭގެ އިތުރުން ސްޕެނިޝް ސުޕަ ކަޕް އެ ކުލަބަށް ކާމިޔާބުކޮށްދީފައެވެ.
މޮރީނިއޯ މި މަގާމަށް އައީ، ޖެނުއަރީ މަހު ޒަބީ އެލޮންސޯގެ ބަދަލުގައި ވަގުތީ ގޮތުން ޓީމާ ހަވާލުވި އަލްވާރޯ އަރްބެލޯއާގެ ބަދަލުގައެވެ. އަރްބެލޯއާގެ އިރުޝާދުގެ ދަށުން ކުޅުނު 25 މެޗުގެ ތެރެއިން 15 މެޗުން މޮޅުވި ނަމަވެސް، ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި ބޯޑުގެ އިތުބާރު ހޯދުމުގައި އޭނާ ވަނީ ނުކުޅެދިފައެވެ. ވަކިން ހާއްސަކޮށް، މިދިޔަ ހަފުތާ ބަންދުގައި ވާދަވެރި ބާސެލޯނާ އަތުން 2-0 އިން ބަލިވެ، ލީގު ޗެމްޕިއަންކަން ބާސާއަށް ލިބުމަކީ ރެއާލްގެ މެނޭޖްމަންޓުން މޮރީނިއޯ ގެންނަން ނިންމި މައިގަނޑު އެއް ސަބަބެވެ.
މި މަގާމަށް ޔާގަން ކްލޮޕް، މައުރީސިއޯ ޕޮޗެޓީނޯ އަދި ހޫލިއަން ނާގަލްސްމަން ފަދަ މަޝްހޫރު ކޯޗުންގެ ނަންތައް ދެކެވުނު ނަމަވެސް، ރެއާލްގެ ފުރަތަމަ އިހުތިޔާރަކީ އަދި ރަސްމީކޮށް މަޝްވަރާ ކުރެވުނު ހަމައެކަނި ކޯޗަކީ ވެސް މޮރީނިއޯއެވެ.
މޮރީނިއޯ އެނބުރި އައުމާ މެދު ކުލަބުގެ ލެޖެންޑް އިކާ ކަސިއަސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. ސޯޝަލް މީޑިއާގައި ކަސިއަސް ބުނެފައިވަނީ މޮރީނިއޯ އަކީ މޮޅު ޕްރޮފެޝަނަލެއް ކަމަށް ގަބޫލުކުރިޔަސް، އޭނާ ރެއާލް މެޑްރިޑަށް އަންނަން ބޭނުން ނުވާ ކަމަށާއި އެއީ އޭނާގެ އަމިއްލަ ހިޔާލު ކަމަށެވެ. މީގެ ކުރިން މޮރީނިއޯ ރެއާލްގައި ހުރި ދުވަސްވަރު ކަސިއަސް ބެންޗަށް ބަދަލުކުރުމާ ގުޅިގެން ދެމީހުންގެ ދެމެދުގައި މައްސަލަތަކެއް ޖެހުނެވެ.
މޮރީނިއޯ ޓީމާ ހަވާލުވަނީ ކުލަބުގެ އެތެރޭގެ މަސްލަހަތު ވެސް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ދާދި ފަހުން ފަރިތަކުރުންތަކުގައި ފެޑެރީކޯ ވަލްވާޑޭ އާއި އައުރެލިއަން ޗުއަމެނީގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ވަލްވާޑޭގެ ބޮލަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު މައްސަލައިގައި، ދެ ކުޅުންތެރިން ވެސް ވަނީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައެވެ.
ޕެރޭޒް އުއްމީދު ކުރައްވަނީ "ސްޕެޝަލް ވަން" ގެ ނަމުން މަޝްހޫރުވެފައިވާ މޮރީނިއޯގެ އެނބުރި އައުމާއެކު، އަލުން ބާންބިއުއަށް ކާމިޔާބީތައް ގެނެސްދެވޭނެ ކަމަށެވެ. މޮރީނިއޯ އަކީ މީގެ ކުރިން ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް އަދި އިންޓަ މިލާން ފަދަ ދުނިޔޭގެ ނުފޫޒުގަދަ ބޮޑެތި ކުލަބުތަކަށް އިރުޝާދުދީ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ.
ބެންފީކާގައި އޭނާ ހޭދަކުރި ދުވަސްވަރު ލީގުގެ މެޗަކުން ބަލިވެފައި ނުވި ނަމަވެސް، ގިނަ މެޗުތަކެއް އެއްވަރުވުމުގެ ސަބަބުން އެ ޓީމަށް ތާވަލުގެ ތިންވަނައަށް ސުންގަފަތިވުމުގެ ބިރު ވަނީ ކުރިމަތިވެފައެވެ. ނަމަވެސް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއާ އޮންނަ ގާތް ގުޅުމުގެ ސަބަބުން، ކުލަބު އަލުން ކާމިޔާބީގެ މަގަށް ރުޖޫޢަކުރުމަށް އެންމެ އެކަށީގެންވާ މީހަކީ މޮރީނިއޯ ކަމަށް ބޯޑުން ވަނީ ނިންމާފައެވެ.
ރެއާލް މެޑްރިޑުން މި ސީޒަން ނިންމާލަން ޖެހުނީ އެއްވެސް ތައްޓެއް ކާމިޔާބު ނުކުރެވިއެވެ. އެހެންކަމުން، އަންނަ ސީޒަނަށް ޓީމު ވަރުގަދަކޮށް، ކުޅުންތެރިންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކޮށް، އަލުން ޗެމްޕިއަނުންގެ ގޮތުގައި ފެނިގެންދިއުމަކީ މޮރީނިއޯއަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
މޮރީނިއޯގެ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑްގެ އާ ސީޒަނުގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޕްރީ-ސީޒަން ގައެވެ.










