ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސްގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ދިވެހި ވަޠަނީ ޚިދުމަތަކީ، ރާއްޖޭގެ ޒުވާނުންގެ މުސްތަޤުބަލު ބިނާކުރުމަށްޓަކައި ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ.
އެމަނިކުފާނު ސޯޝަލްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓުގައި ވަނީ، ދަސްވެނިވި ދަރިވަރުންގެ ތެރެއިން 112 ރަށަކުން 343 ދަރިވަރުން ހިމެނޭ ކަމަށާއި، މީގެ ތެރެއިން 18 އަހަރުން ދަށުގެ 113 ދަރިވަރުން ހިމެނޭ ކަމަށް. ވިދާޅުވެފައެވެ. މިއަދު ދަސްވެނިވި ދަރިވަރުންގެ ތެރޭގައި 63 އަންހެން ކުދިންނާއި، 280 ފިރިހެން ކުދިން ހިމެނެއެވެ.


ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސްގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމައި 343 ދަރިވަރުން ދަސްވެނިވެފައި ވަނީ މިއަދުއެވެ.
ދެވަނަ ބެޗުގެ ތަމްރީންތައް ކުރިއަށް ގެންގޮސްފައިވަނީ، މިދިޔަ ޖަނަވަރީ މަހުގެ 31 ފެށިގެން 3 މަސް ދުވަހަށެވެ.
މި ޕްރޮގްރާމުގެ ދެވަނަ ބުރުގައި ދަސްވެނިވި ޒުވާނުންގެ ތެރެއިން ހޮވޭ ދަރިވަރުންނަށް ބ.އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމުގެ ތަމްރީނުތައް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި ދެވަނަ ބުރަށް ނުހޮވޭ ދަރިވަރުންނަށް އެ ކުދިން ވަޒީފާ އަދާކުރަން ޝައުޤުވެރިކަން ފާޅުކުރާ ތަންތަނުން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.







