ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ އަމިއްލަފުޅު ދިރިއުޅުމާއި ޒަވާޖީ ހަޔާތާ ބެހޭގޮތުން ދައްކަމުންދާ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޕީއެންސީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދާ ދެބޭފުޅުން ދުރުކުރުމަށް ކަމަށެވެ. މިކަމާ ގުޅޭގޮތުން އެމަނިކުފާނު ވަނީ މަޖާޒީ ގޮތެއްގައި "މިއީ އަނެއްކާ ކިހިނެއްވާ ކަމެއްބާއޭ؟" ވިދާޅުވެ އަނބިކަނބަލުން ސާޖިދާގެ އަރިހުން ސުވާލު ކުރެއްވި ކަމަށްވެސް ހާމަކުރައްވާފައެވެ.
ދާދިފަހުން އެމަނިކުފާނު ދަރިކަލުންގެ އަރިހަށް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެއީ މީގެ ދޮޅުމަހެއްހާ ދުވަސް ކުރިން ރޭވިފައިވާ ދަތުރެއް ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އެ ދަތުރުފުޅުވެސް ސިފަކުރަމުންދަނީ އެބޭފުޅުން ބޭނުންވާ ވަކި ނެރެޓިވްއެއްގެ ތެރެއިން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ބަޔަކު ވާހަކަ ދައްކާ ގޮތަކީ ހަގީގަތަކަށް ވާންޖެހޭ ކަމެއް ނޫން. އެބޭފުޅުން ގަބޫލުކުރާ ގޮތުގައި އަޅުގަނޑާއި މެޑަމް ސާޖިދާ ދުރުކޮށް ނިންމައިފި،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ގައުމުގެ ކުރިއެރުމަށްޓަކައި ޒިންމާދާރު އިދިކޮޅު ހަރަކާތެއް ބޭނުންވާ ކަމަށާއި، ނަމަވެސް މިހާރު ފެންނަމުންދަނީ "ބަތްކައްކާ ކުޅޭ" ފަދަ ސަކަރާތްޖަހާ، ދެއުޅިއެއް ނުވާ އޮޕޮޒިޝަނެއް ކަމަށެވެ. މިފަދަ ގޮތަކަށް އަމަލުކުރާ އިދިކޮޅު ފަރާތްތަކެއް އޮވެގެން ގައުމަށް ވާނެ އެއްވެސް ފައިދާއެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޒިންމާދާރު އިދިކޮޅު ހަރަކާތެއް މި ގައުމުގައި އުފެދުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ދުއާކޮށްދެއްވުމަށް ޕީއެންސީގެ ސަޕޯޓަރުންގެ ކިބައިން ރައީސް މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ.









