ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ސިޔާސަތަކީ މަސްތުވާތަކެތި "ބޮވެންވާނެ" ކަމަށް ބުނުން ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން މި ގައުމު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށްދެއްވާނެ ކަމަށެވެ.
ރައީސް މިހެން ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަކީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަމެއް ކަމަށެވެ. ނަމަވެސް، މި ސަރުކާރުން މިހާރު އެކަން ގާނޫނަކަށް ހަދާފައިވާ ކަމަށާއި، އެކަމުގައި ދޫނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެފަދަ ފަރާތްތަކަށް ބޭނުންވާ ފަރުވާ އާއި ދީނީ ގޮތުން ދޭންޖެހޭ ފަތުވާތަކާއި އިރުޝާދުތައް ދެވޭނެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަވާނެ ކަމަށެވެ. "ކުޑަ މިންވަރަކަށް ވިޔަސް މަސްތުވާތަކެތި ވާނީ ހަރާމް ކަމަކަށް،" ރައީސް ވިދާޅުވިއެވެ. އަދި މި މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ވަރަށް ހަރުކަށި ސިޔާސަތުތަކެއް ތަންފީޒު ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގައުމީ ސަލާމަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލަކީ މި ގައުމުގައި ތިބި ބިދޭސީންގެ ސައްހަ ރެކޯޑެއް ނެތުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު، ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ކޮންބައެއްކަން އެނގެނީ އެންމެ 13 އިންސައްތަ މީހުންގެ ކަމަށެވެ. ނަމަވެސް، މިހާރު އެ އަދަދު 98 އިންސައްތައަށް މަތިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައި، އެއީ ކޮން ބައެއްކަން ވަނީ ދެނެގަނެވިފައި. ބާކީ ހުރި 2 އިންސައްތަ މީހުންނަކީ ކޮންބައެއްކަންވެސް ވަރަށް އަވަހަށް އެނގިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ފޮނުވާލަންޖެހޭ ފަރާތްތައް ފޮނުވާލުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ދިވެހި ޒުވާނުންނަށާއި އާންމު ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދުމަށް މަގުފަހިވެ، ފަސޭހަވެގެންދާނެ ކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.









