ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އެންމެ އިސްކަމެއް ދޭނީ ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް" ނުވަތަ ދިވެހިރާއްޖެ އިސްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިރޭ ޕީއެންސީގެ ހަރުގޭގައި ކުރިޔަށްދިޔަ ޖަލްސާގައި ރާއްޖޭގެ ޚާރިޖީ ދާއިރާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ދާއިރާއަކީ ޚާރިޖީ ދާއިރާ ކަމަށެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ ވަކި އަތަކަށް ގޮސް ހުސްވެފައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ ކުރިން އޮތް އެމްޑީޕީ ސަރުކާރުން އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުމަށާއި، އޭގެ ކުރީ ސަރުކާރުން ޗައިނާއަށް ބަރޯސާވެފައި އޮތް އޮތުމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ހާލަތު އޮތީ ވަކި ގައުމެއްގެ "އެޕްރޫވަލް" ނުވަތަ ހުއްދަ ނުހޯދައި، އެ ގައުމާ ވާދަވެރި ގައުމަކަށް ރާއްޖޭގެ އެއްވެސް ވަފުދެއްވެސް ނުފޮނުވޭ ފަދަ ނިކަމެތި ހާލަތެއްގައި ކަމަށެވެ.
ނަމަވެސް، މިހާރު "މޯލްޑިވްސް ފަސްޓް" ޕޮލިސީ ކަނޑައެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. މި ސިޔާސަތުގެ ދަށުން ކޮންމެ ކަމެއްގައިވެސް އެންމެ އިސްކަމެއް ދޭނީ ދިވެހި ރައްޔިތުންނަށެވެ. ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއަކީ މިއަދު ބައިނަލްއަގުވާމީ މުޖުތަމައު (އިންޓަނޭޝަނަލް ކޮމިއުނިޓީ) ބަލައިގެންފައިވާ، އަދި ބައިނަލްއަގުވާމީ މައިދާނުގައި ބަސްވިކޭ ގައުމެއްގެ ގޮތުގައި ހަމަޖެހިފައިވާ ކަމަށެވެ.
މި ސަރުކާރުގެ އަމާޒަކީ އެއްވެސް ގައުމަކަށް ބަރޯސާނުވެ، ހުރިހާ ގައުމަކާ އެކުވެސް ގާތް ގުޅުމެއް ބާއްވައިގެން، ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.










